ފާރިސް އަކީ އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން: މައުމޫން

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ނަމްބަރު ހައެއް، އަހްމަދު ފާރިސް މައުމޫނަކީ އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވ...

11 Aug 2023 | 11:29

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ނަމްބަރު ހައެއް، އަހްމަދު ފާރިސް މައުމޫނަކީ އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ފާރިސްގެ ކެމްޕޭނު ޓީމުން މިއަދު އާއްމުކޮށްފައިވާ ވީޑިއޯއެއްގައެވެ.

އެ ވީޑިއޯގައި ރައީސް މައުމޫން ވިދާޅުވަނީ އެމަނިކުފާނު ފާރިސަށް ތާއީދު ކުރައްވަނީ އުފަން ދަރިއަށް ވީތީ ނޫން ކަމަށާއި ފާރިސް ރައީސް މައުމޫންގެ އުސޫލުތައް ގަބޫލުކުރާތީ ކަމަށެވެ.

"ހަމަ އެހެންމެ އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރުމުގެ ގާބިލުކަން ހުރި މީހެއް ކަމަށް އަޅުގަނޑަށް ޔަގީން ކުރެވޭތީ" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ފާރިސް ހުރި އިރު އެކަން ސާބިތުކޮށްދީފައިވާކަމަށާއި އެއީ ގައުމަށް ފައިދާހުރި ކަންކަމުގަ ވާހަކަ ދައްކާ ވަކާލާތުކޮށްދީގެން ކަމުގައި ވިދާޅުވިއެވެ.  އަދި އެކަމުގެ ސަބަބުން ފާރިސަށް އަދަބުތަކަކާވެސް ކުރިމަތިލާން ޖެހުނު ނަމަވެސް ފާރިސްގެ ހިތްވަރަށް ބަދަލު ނައިސް ސާބިތުކަންމަތީގައި ހުރިކަންވެސް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

"ޔަގީން ކުރެވެނީ ކުރިއަށް އޮތް ތާނގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ވެއްޖެނަމަ ހުންނާނީ ހަމަ އެފަދަ ސާބިތުކަމާ ހިތްވަރާ އެކީގައިކަން" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން އިތުރަށް ވިދާޅުވީ ފާރިސް މައުމޫނަކީ އަމިއްލަ ފައިދާއަށްޓަކައި ގައުމު ވިއްކާލާނެ މީހެއް ނޫން ކަމަށާއި އޭނާއަކީ ދޮގު ހަދާ މަކަރު ހަދާ އޮޅުވާލާނެ މީހެއްވެސް ނޫން ކަމަށެވެ. އަދި އޭނާ ވާނީ އަބަދުވެސް ތެދުވެރިއަކަށް އިހްލާސްތެރިއަކަށް ކަމަށާއި މިކަން ރައީސް މައުމޫނަށް ހަމަ ޔަގީންކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް