"ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް" މިނަމުގައި އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ ފޮތް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނެރެދެއްވައިފިއެވެ.
މިރަސްމިއްޔާތު އޮބާއްވާފައި ވަނީ ޤައުމީ ކުތުބުޚާނާގައެވެ.
މިރަސްމިއްޔާތުގައި ރައީސްގެ އަނިބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި މިފޮތުގައި ހިމަނާފައިވާ މަޢުލޫމާތު ޢަމަލީ ގޮތުން ބޭނުން ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އެކަމަނާ ވިދާޅުވީ، މި ނެރެވުނު ފޮތަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ފޮތެއް ކަމަށެވެ. އަދި ދަރިންތަރުބިއްޔަތު ކުރުމުގައި ކޮންމެ ދުވަހަކީވެސް ކަންކަން ދަސްކުރަންޖެހޭ ދުވަހެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ މުހިންމުކަމަކީ ކުދިންނަށް ނަމޫނާ ދެއްކުން ކަމަށާއި އެކަން ގިނަ ބަޔަކު ޤަބޫލުވެސް ކުރާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރަށް، ކުދިންނަށް މައިންބަފައިން ދައްކާ ނަމޫނާގައި ކުދިން ނުހިފާ ނަމަވެސް އެކަމަކީ ކުދިންގެ ކިބައިން އުއްމީދު ކަނޑައިލާންވީ ކަމެއް ނޫންކަމަށާއި، ކުދިންނަށް ނަމޫނާ ދެއްކުމުގައި ބެލެނިވެރިން ދެމި ތިއްބެވުމަކީ ވަރަށް މުހިންމުކަމެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެފަދައިން އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ޓީޗަރެއްގެ ހައިސިއްޔަތުންނާއި މަންމައެއްގެ ހައިސިއްޔަތުން އެކަމަނާގެ ތަޖުރިބާތައްވެސް މިރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކާއި ޙިއްޞާ ކުރައްވާފައެވެ.
އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ، "ކުދިން ތަރުބިއްޔަތުކުރުމަށް ފަހިމަގެއް." މިފޮތުގައި، ކުދިންތަރުބިއްޔަތު ކުރުމުގައި ޢަމަލު ކުރެވިދާނެ މުހިއްމު ގޮތްތަކާއި މަޢުލޫމާތު ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް