އދ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

އދ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން  އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް  ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފ...

11 Aug 2023 | 09:34

އދ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން  އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް  ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ކޮންމެ ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކާއި ކައިރި ރިސޯޓްތަކުން ގެންގުޅޭ ޑައިވިންގ ދޯންޏާއި، ލޯންޗް އަދި ޑިންގީފަހަރު އަޅާފައި ބާއްވާނެ ތަނަވަސް ބަނދަރެއް ދިއްދޫގައި މުސްތަޤުބަލުގައި އޮންނާނެކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެމްޓީސީސީ އިން ބުނާގޮތުގައި ރަށުގައި މިހާރު ގިނަ ގެސްޓްހައުސްތަކެއް އިމާރާތްކުރަމުން ދިޔުމާއެކު، ބަނދަރު ތަރައްޤީވެގެން ދިޔުންވާނީ ދިއްދޫގެ ގެސްޓްހައުސް ވިޔަފާރިއަށާއި އަދި މުޅި އިޤްތިޞާދަށްވެސް ހެޔޮ ފައިދާތަކެއް އެކަމުގެ ސަބަބުން ލިބިގެންދާނެ ކަމަކަށެވެ. އަދި، ހަމަމިޔާއެކު ރައްޔިތުންނަށް ދިމާވަމުން އަންނަ ލަފާފުރުމުގެ ދަތިތަކަށްވެސް ބޮޑު ޙައްލެއް ބަނދަރު ތަރައްޤީވެގެން ދިޔުމާއެކު ލިބޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 3090 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 30,070 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 51 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރަށް، 122 މީޓަރުގެ ވެލި ފުރާފައިވާ ބޭރުތޮށި އައުޓަރ ރިވެޓްމެންޓެއް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މީގެ އިތުރަށް، 135 މީޓަރުގެ ވެލި ފުރާފައިވާ ބޭރުތޮށި އިނަރ ރިވެޓްމެންޓެއް ޖެހުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 30 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، އަދި ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މި މަޝްރޫޢަކީ 21.29 މިލިއަން ރުފިޔާއަށް 330 ދުވަސް ތެރޭ ނިންމުމަށް އެމްޓިސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް