ނ. ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ، ޑރ. އިބްރާހިމް ހަސަންއެވެ.
އެމްޓީސީސީ އިން ބުނާގޮތުގައި މި ސޮއިކުރެވުނު ނ. ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު އެތަކެއް ޒުވާނުންނަކަށް ފަހިވެގެން ދާނެއެވެ. އަދި މިކަމުގެ ސަބަބުން، ރަށުގެ އުފެއްދުންތެރިކަން އިތުރުވެ، ތަޢުލީމީ ޤާބިލު ޒުވާން ޖީލެއް އުފެދިގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަޙައްދެއްގައި 2 ކްލާސް ރޫމާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީއާއި 2 ވޯރކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މި މަޝްރޫޢަކީ 11.91 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް