ޑރ. ވަހީދު ސަރުކާރު ކޯލިޝަނާ ގުޅެން ރަފިއްޔާގެ ދައުވަތެއް

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގަތުމުން، ސަރުކާރު ހިންގާ ކޯލިޝަނާ ގުޅިވަޑައިގަތުމަށް އެމްޑީޕީގެ ކޯލިޝަން އެއް ޕާޓީ މޯލްޑިވްސް ...

11 Aug 2023 | 09:05

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގަތުމުން، ސަރުކާރު ހިންގާ ކޯލިޝަނާ ގުޅިވަޑައިގަތުމަށް އެމްޑީޕީގެ ކޯލިޝަން އެއް ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ  ނައިބު ލީޑަރު ޑރ. އައިޝަތު ރަފިއްޔާ ދައުވަތު އަރުވައިފިއެވެ.

ޑރ. ވަހީދު ޕީޕިއެމްއިން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ޓްވިޓާގައި އާންމުކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ 10 އަހަރަށްފަހު ޕީޕީއެމްއިން ވަކިވާން ނިންމީ ވަރަށް ވިސްނާފައި ކަމަށެވެ.

ވަހިދުގެ އިސްތިއުފާގެ ސިޓީ ރި-ޓުވީޓު ކުރައްވައި ރަފިއްޔާ ވިދާޅުވީ، ޕީޕީއެމް އަކީ 21 ވަނަ ގަރުނުގެ ޑިމޮކްރަސީއަށް ނުފެތޭ، އަދުލުވެރި ސިޔާސަތެއް ނެތް ޕާޓީއެއްކަން އެނގިވަޑައިގެން އެ ޕާޓީން އިސްތިއުފާ ދެއްވުމުން ވަހީދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

https://twitter.com/Arafiyya/status/1689704675313074177

ޓްވީޓާގައި އާންމުކުރެއްވި ބަޔާނުގައި ޕީޕީއެމްއިން ވަކިވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.

އެހެން ނަމަވސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށް ފޮނުވި ސިޓީގައި ޑރ. ވަހީދު ވަކިވާ ސަބަބާއި އެމަނިކުފާނުގެ އުދާސްތައް ބަންޑުންކޮށްލައްވާފައިވެއެވެ.

އިސްތިއުފާގެ އެ ސިޓީގައި ޑރ. ވަހީދު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ކުރިމަތި ނުލެވުނު ހާލަތުގައި އިތުރު ކެނޑިޑޭޓެއް ނެރުމަށް ޕީޕީއެމްއަށް ވަގުތު ލިބިގެންދިޔަކަމަށާއި އެހެންނަމަވެސް އެކަމަށް ލީޑަޝިޕުން އެއްވެސް މަސައްކަތެއް ނުކުރައްވައި ކުޑަ ޕާޓީއެއްގެ ކެނޑިޑޭޓެއް ނެރުމަކީ ލީޑަޝިޕުން ވެވަޑައިގެންނެވި ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ. އެއީ ވަރަށް އަނިޔާވެރި އަމަލެއްގެ ގޮތުގައިވެސް ޑރ. ވަހީދު ސިފަކުރައްވާފައިވެއެވެ.

ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި ރައީސް ކަމަށް ވާދަކުރަން ތައްޔާރަށް ހުންނެވިކަމަށް ޑރ. ވަހީދު ފާޅުގައި ވިދާޅުވަމުން ގެންދެވިއެވެ. އަދި ރައީސް ޔާމީންގެ ޕްލޭން ބީއަކީ ޑރ. ވަހީދު ކަމުގައިވެސް އަޑު ފެތުރިގެން ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް