ދީނަށް ލޯބިކުރާ ހަރުދަނާ ދަރިން އުފެއްދޭނީ ބެލެނިވެރިންނާ މުދައްރިސުން ގުޅިގެން: ޚުޠުބާ

ދީނަށް ލޯބިކުރާ ހަރުދަނާ ދަރިން އުފެއްދޭނީ ބެލެނިވެރިންނާ މުދައްރިސުން ގުޅިގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާ އަލި އަޅުވާލާފައި ވަނީ 'ތައުލީމާއި ތަރުބިއްޔަތުގެ މާތްކަން...

11 Aug 2023 | 07:48

ދީނަށް ލޯބިކުރާ ހަރުދަނާ ދަރިން އުފެއްދޭނީ ބެލެނިވެރިންނާ މުދައްރިސުން ގުޅިގެން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ޚުޠުބާ އަލި އަޅުވާލާފައި ވަނީ 'ތައުލީމާއި ތަރުބިއްޔަތުގެ މާތްކަން' މި މައުޟޫއަށެވެ.

ޚުޠުބާގައި ބުނީ، އިސްލާމް ދީނަކީ ޢިލްމުގެ ދީން ކަމަށާއި އިސްލާމީ ރިސާލަތު ފެށުނީ ކިޔެވުމަށް ކުރެއްވި އަމުރުފުޅުން ކަމަށެވެ. އަދި މާތްﷲ ގެ އަމުރުފުޅާ އެއްގޮތަށް، މުޖުތަމައަށް ޢިލްމު ފެތުރުމަށް މާތް ނަބިއްޔާ ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވި ކަމަށް ޚުޠުބާގައި ބުންޏެވެ.

މި ފެށުނު ދިރާސީ އަހަރު، އިސްލާމް ދީނާއި ދުނިޔަވީ ރޮނގުތަކުން އިތުރު ކުރެއެރުން ހޯދުމަށް މަސައްކަތް ކުރަން ހުރިހާ ކުދިން  އަޒުމް ކަނޑައެޅުމަށް ހުތުބާގައި ގޮވާލިއެވެ.

އަދި ދެ ދުނިޔޭގެ ހަޔާތް ފައިދާ ހުރި، ބޭނުންތެރި ހަރަކާތްތަކުން ހުސްވަގުތު ފަޅުފިލުވައިލުމަށް ޚުޠުބާގައި ހަނދާން ކޮށްދިނެވެ.

މީގެ އިތުރުން ކުދިންނަށް ހާއްސަ ކޮށްފައިވާ ނަސޭހަތްތަކާއެކު ޚުޠުބާގައި ބުނީ، ފޮނި ނަތީޖާއެއް ނެރެވޭނީ މަދަރުސާއަށް އެއްބާރުލުން ދީގެން ކަމަށެވެ. އަދި މަދަރުސާއަށް ބޯލަނބައި، މުދައްރިސުންނަށް ގަދަރާއި އިހުތިރާމު އަދާ ކޮށްގެން ކަމަށެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކުދިން ތަރުބިއްޔަތު ކުރުމަށް މުދައްރިސުންގެ ދައުރު ވަރަށް ބޮޑު ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އެފަދަ ތަރުބިއްޔަތެއް ދެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރި ކަމާއެކު މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް ޚުޠުބާގައި ހަނދާން ކޮށްދިނެވެ.

އޭގެ އިތުރުން ޚުޠުބާގައި ބުނީ، ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރުމަށް މައިންބަފައިން ކޮށްދެނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ.

ދަރިންނަކީ މާތްﷲ އަހަރެމެންނާ ހަވާލު ކުރައްވާފައިވާ އަމާނާތެއްކަން ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ، އެކުދިން ބަލައި ބޮޑުކުރެވިއްޖެ ނަމަ އެކުދިންގެ ހެޔޮ ދުޢާގެ މަންފާ ކުރާނެ ކަމަށެވެ.

އެހެންކަމުން ދަރިންނަށް އިސްލާމީ ރިވެތި އަދަބާއި އުޅުން ދަސްކޮށްދީ، ޤުރުއާނާއި ރަސޫލާގެ ސުންނަތަށް އަމަލުކުރަން ދަރިންނަށް ދަސްކޮށްދިނުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް