ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެވަޑައިގެންފިއެވެ.
މިކަން ހާމަކުރައްވައި ޓްވިޓާގައި އާންމުކުރައްވާފައިވާ ބަޔާނެއްގައި ޑރ. ވަހީދު ވިދާޅުވެފައިވަނީ 10 އަހަރަށްފަހު ޕީޕީއެމްއިން ވަކިވާން ނިންމީ ވަރަށް ވިސްނާފައި ކަމަށެވެ.
ޓްވީޓާގައި އާންމުކުރެއްވި ބަޔާނުގައި ޕީޕީއެމްއިން ވަކިވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލަށް ފޮނުވި ސިޓީގައި ޑރ. ވަހީދު ވަކިވާ ސަބަބާއި އެމަނިކުފާނުގެ އުދާސްތައް ބަންޑުންކޮށްލައްވާފައިވެއެވެ.
އިސްތިއުފާގެ އެ ސިޓީގައި ޑރ. ވަހީދު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ކުރިމަތި ނުލެވުނު ހާލަތުގައި އިތުރު ކެނޑިޑޭޓެއް ނެރުމަށް ޕީޕީއެމްއަށް ވަގުތު ލިބިގެންދިޔަކަމަށާއި އެހެންނަމަވެސް އެކަމަށް ލީޑަޝިޕުން އެއްވެސް މަސައްކަތެއް ނުކުރައްވައި ކުޑަ ޕާޓީއެއްގެ ކެނޑިޑޭޓެއް ނެރުމަކީ ލީޑަޝިޕުން ވެވަޑައިގެންނެވި ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ. އެއީ ވަރަށް އަނިޔާވެރި އަމަލެއްގެ ގޮތުގައިވެސް ޑރ. ވަހީދު ސިފަކުރައްވާފައިވެއެވެ.
ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި ރައީސް ކަމަށް ވާދަކުރަން ތައްޔާރަށް ހުންނެވިކަމަށް ޑރ. ވަހީދު ފާޅުގައި ވިދާޅުވަމުން ގެންދެވިއެވެ. އަދި ރައީސް ޔާމީންގެ ޕްލޭން ބީއަކީ ޑރ. ވަހީދު ކަމުގައިވެސް އަޑު ފެތުރިގެން ދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް