މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
އެ އޮތޯރިޓީން ބުނީ މިއަހަރުގެ ޖުލައި މަހު 2.65 ބިލިއަން ރުފިޔާ މީރާއަށް ބަލައިގަނެފައިވާ ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %311.8 އިތުރު އަދަދެއް ކަމަށެވެ.
މިއީީ މިއަހަރުގެ ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %84.1 އިތުރު އަދަދެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެ އޮތޯރިޓީން ބުނީ ފައިބެއަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ޖުލައި މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުވެފައިވުން ކަމަށެވެ. މީގެ ސަބަބަކީ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި އަހަރުގެ ޖުލައި މަހުގައި އައިސްފައިވުން ކަމަށް ވެސް މީރާ އިން ބުނެއެވެ.
މި ސުންގަޑި ވޭތުވެ ދިޔަ އަހަރު އައިސްފައިވަނީ އޮގަސްޓު މަހުގައި ކަމަށާއި 2021 ވަނަ އަހަރުގެ ޖީ.އެސް.ޓީ އަދި ގްރީން ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ވަނީ އީދު ބަންދާއި ގުޅިގެން ސަރުކާރު ބަންދުވުމުގެ ސަބަބުން އޮގަސްޓް 2021 އަށް ފަސްކޮށްފައިކަން މީރާ އިން ފާހަގަކުރެއެވެ.
މިކަމުގެ ސަބަބުން، ޖުލައި 2022 ގައި ޖީ.އެސް.ޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ ޖުލައި 2021 އާއި އަޅައިބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން ބުނެއެވެ. އަދި ޖުލައި 2022 ގައި 7 ފަރާތަކުން 35 މިލިއަން އެމެރިކާ ޑޮލަރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ވެސް ފައިބެއަހަރުގެ ޖުލައި ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު، މިއަހަރުގެ ޖުލައި ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް ވެސް މިރާ އިން ބުނެއެވެ.
މީރާ އިން ބުނީ މި ފީ ޖުލައި 2021 ގައި ލިބިފައި ނުވާ ކަމަށާއި ޖުލައި 2021 އާއި ޖުލައި 2022 އަޅައިބަލާއިރު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު 97.4% އިތުރުވެފައިވުމަކީ ވެސް ޖުލައި 2022 ގައި އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށެވެ.
ޖުލައި 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 1.29 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 577.79 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 537.30 މިލިއަން ރުފިޔާ އާއި ގްރީން ޓެކްސްގެ ގޮތުގައި 61.51 މިލިއަން ރުފިޔާ އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.92 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 134.31 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޖުލައި 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 79.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް