އދ. މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ނިންމައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ 79 ޕަސެންޓު ނިމިފައިވާ ކަމަށް މައުލޫމާތުދެ އެވެ.
މި މަޝްރޫޢުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 236 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން 71 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ. މި މަޝްރޫއު ނިމޭއިރު ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް މައުލޫމާތުދެ އެވެ.
މި މަޝްރޫޢަކީ 34.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް