ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފިއެވެ.
މިއީ ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން އެ ބޭންކުން ކުރަމުން ގެންދާ މަސައްކަތެކެވެ.
މި ޕްރޮޖެކްޓް ހިންގާފައިވާ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖް ގެ ފަރާތުން ވަނީ އެރަށުގެ މީހުން އާބާދުވަމުންދާ ސަރަހައްދާއި އެހެން މަގުތަކުގައި 25 ބައްތި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފައެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖަމިއްޔާގެ ފަރާތުން މުހައްމަދު ޒާހިރު ވިދާޅުވީ މީގެ ކުރިން މި މަގުތަކުގައި އަލިކަމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.
" އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓާއެކު ރައްޔިތުންނަށް މިރަށުގެ މަގުތަކަކީ އަމާން ތަނަކަށްވެ އަދި ސޯލާ މަގުބައްތި ހަރުކުރުމުގެ ސަބަބުން އިޔާދަ ނުކުރެވޭ ހަކަތައަށް ކުރާ ހޭދަ ކުޑަވާނެ. އަދި ތިމާވެއްޓާއި ރަށްޓެހި މުޖުތަމައަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރިއެރުމެއް ލިބިގެންދާނެ." ޒާހިރު ވިދާޅުވިއެވެ.
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރެވެނު ފަންޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް