ކާބޯތަކެތީގެ ކުނި މޫދަށް އަޅާތީ ކ. ތުލުސްދޫ ކައުންސިލް45،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މޫދަށް ކުނި އެޅުމަކީ ކުނި މެނޭޖް ކުރުމާއި ބެހޭ ގަވައިދާއި ހިލާފު ކަމެއް ކަމަށެވެ. އީޕީއޭއިން ވަނީ އެކަން ވަގުތުން ހުއްޓާލުމަށް ތުލުސްދޫ ކައުންސިލަށް އަންގާފައި އެވެ.
ކުންޏާއި ބެހޭ ގަވައިދާ ހިލާފު މައްސަލައިގަ އީޕީއޭއިން ވަނީ އެ ކައުންސިލް45،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ދައްކަން30 ދުވަހުގެ މުހުލަތެއް ދީފަ އެވެ.30 ދުވަސް ގުނަނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނަ އެވެ.
އިތުރު އިދާރީ ފިޔަވަޅެއްގެ ގޮތުން ބަންދު ދުވަސްތައް ހިމަނައިގެން30 ދުވަސް ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމާއި ބެހޭ ޕްލޭނެއް އެކުލަވާލލަން އަންގާފަ އެވެ.
އީޕީއިން ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް އިހުތިރާމްކޮށް އަމަލު ކުރުމަށް ތުލުސްދޫ ކައުންސިލަށް އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ އަމަލުތަކުން ދުރުވެ ތިބުމަށް އަންގާފަ އެވެ.
މި މައްސަލައިގަ މީގެ ކުރިން ތުލުސްދޫ ކައުންސިލުން ބުނެފައިވަނީ މޫދަށް ބަދިގޭ ކުނި އަޅަނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް