އެފްވައިއެފްސީ 2022 - ކަންމަތި އެސްސީ އާއި ސިކްސް ސެންސް ލާމަށް ރަނގަޅު ފެށުމެއް

ލާމު ފޮނަދޫގައި ބޭއްވޭ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް، ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2022 ގެ ކުޅުން ރޭ ފެށުނު އިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޑިކޭއެންޒެޑް ސްޕޯޓްސް ކުލަ...

11 Aug 2022 | 03:34

ލާމު ފޮނަދޫގައި ބޭއްވޭ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް، ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2022 ގެ ކުޅުން ރޭ ފެށުނު އިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޑިކޭއެންޒެޑް ސްޕޯޓްސް ކުލަބާއި ސިކްސް ސެންސް ލާމުގެ ޓީމެވެ. އަދި ރޭގެ މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކަންމަތި އެސްސީ އާއި ހަފެލެ އެފްސީއެވެ.

ފޮނަދޫ ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ސިކްސް ސެންސް ލާމުން ޑީކޭއެންޒެޑް ސްޕޯޓްސް ކުލަބު ބަލިކުރީ 2-6 ގެ ނަތީޖާއަކުންނެވެ.

ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޑީކޭއެންޒެޑުންނެވެ. ޑީކޭއެންޒެޑުގެ މުޙައްމަދު ޖުމާން (ތަގައްލާ) ގެ ލަނޑުން އެޓީމު ލީޑު ނެގި ނަމަވެސް އެޓީމަށް ލީޑު ހިފަހައްޓާލެވުނީ ކުޑަ އިރުކޮޅަކުއެވެ. ސިކްސް ސެންސް ލާމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ނަތީޖާއެއްވަރު ކުރި ލަނޑު އެޓީމަށް ޖަހައިދިނީ ސަމާހު (ސަމައްޓޭ) އެވެ. ސިކްސްސެން ލާމުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑުނެގި އިރު، ސިކްސް ސެންސް ލާމުގެ ދެވަނަ ލަނޑު ޖެހީ މުޙައްމަދު މަހުދީއެވެ.

ސިކްސް ސެންސް ލީޑުގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ފަހު ހާފުގެ ކުޅުން ފެށިގެން 11 ވަނަ މިނެޓުގައި ޑީކޭއެންޒެޑުން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު މަހުރީން (މައްކި) އެވެ. ސިކްސް ސެންސް ލާމުން އެޓީމުގެ ތިންވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގީ ފަހުހާފުހެ 12 ވަނަ މިނެޓުގައި މަހުދީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހާ ލީޑު އިތުރަށް ފުޅާކޮށްދިން ލަނޑުވެސް ޖަހައިދިނީ މަހުދީއެވެ. ސިކްސް ސެންސް ލާމުގެ ފަހު ދެ ލަނޑު ކާމިޔާބު ކޮށްދިނީ ސިބާހު އާއި ސަމާހުއެވެ.

އެ މެޗުގައި ސިކްސް ސެންސް ލާމުގެ މުހައްމަދު މަހުދީ ތިން ގޯލު ޖެހި އިރު، އޭނާއަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައެވެ.

ގްރޫޕް ބީގައި ރޭ ވާދަކުރީ ދެވަނަ މެޗުގައި ހަފެލެ އެފްސީ އަތުން 2-21 ގެ ނަތީޖާއަކުން ކަންމަތި އެސްސީ ބޮޑު މޮޅެއް ހޯދިއިރު، މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި ގިނަ ލަނޑުތަކެއް ކާމިޔާބު ކުރި އަލީ ހާފިޒް (ހާއްޕެ)އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް