ޔޫރޮޕާ ލީގު ޗެމްޕިއަން ޖަރުމަނުގެ އެއިންޓްރަކްޓް ފްރެންކްފަރޓް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ، ޗެމްޕިއަންސް ލީގު ޗެމްޕިއަން ރެއާލް މެޑްރިޑުން ޔޫއެފާ ސުޕަރ ކަޕް ފަސް ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
ވިލާތުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ބާއްވަމުން އަންނަ ސުޕަރ ކަޕް މެޗުގައި ރޭ، ފިންލެންޑުގެ ހެލްސްކިން އޮލިމްޕިކް ސަްޓޭޑިއަމްގައި ފްރެންކްފަރޓާއި ރެއާލް މެޑްރިޑްގެ ވާދަވެރި ކުރިމަތިލުމެއް ފެނިގެން ދިޔައިރު، މުޅި މެޗުގައި ވެސް ރެއާލުން ވަނީ މޮޅުކުޅުމެއް ދައްކައިފައެވެ.
މެޗުގެ 37 ވަނަ މިނިޓްގައި ރެއާލުން ވަނީ ލީޑު ނަގައިފައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ކަސެމިރޯގެ އެހީތެރިކަމާއި އެކު ޑޭވިޑް އަލަބާއެވެ.
ފުރަތަމަ ހާފް އެއް ލަނޑުގެ ލީޑެއްގައި ރެއާލުން ނިންމައިލި އިރު، ދެވަނަ ހާފް ފަށައިގެން މެޗުގެ 65 ވަނަ މިނިޓްގައި ރެއާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ވިނީސިއަސް ޖޫނިއަރގެ އެހީތެރިކަމާއި އެކު ކަރީމް ބެންޒެމާއެވެ.
ރެއާލުން ދެ ލަނޑުގެ ލީޑެއް ނަގައި ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ނަމަވެސް، ފްރެންކްފަރޓުން ވަނީ މެޗުގެ ފަހު ވަގުތާ ޖެހެންދެންވެސް ވިލާތުގެ ޗެމްޕިއަނުން ހިފެހެއްޓުމަށް ހިތްވަރާއެކު މަސައްކަތްކޮށްފައެވެ. ނަމަވެސް އެޓީމަށް ރެއާލް ހިފެހެއްޓޭ ގޮތް ވަނީ ނުވެފައެވެ.
ރޭގެ މެޗުގައި ރެއާލްގެ ރޮޑްރިގޯ އާއި އެޓީމާއި އަލަށް ގުޅުނު އެންޓޯނިއޯ ރުޑިގާ ފުރަތަމަ ފެނިގެން ދިޔައީ ބެންޗުންނެވެ. އެ މެޗުގައި އެ ދެކުޅުންތެރިންވެސް ފެނިގެން ދިޔައީ ފަހުހާފުގައެވެ. ނަމަވެސް ރޭގެ މެޗުގައި އެޑެން ހަޒާޑާއި އެސެންސިއޯ އަދި ވަޒްކޭޒް ފަދަ ކުޅުންތެރިން ތިބީ ބެންޗުގައެވެ. މި ކުޅުންތެރިންނަށް ރޭގެ މެޗުގައި ފުރުސަތެއް ލިބިފައެއް ނުވެއެވެއެވެ.
މިއީ ރެއާލުން ވޭތުވެ ދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ސުޕަރ ކަޕް ކާމިޔާބު ކުރި ފަސް ވަނަ ފަހަރެވެ.
ރޭގެ ސުޕަކަޕުގެ ތައްޓާއި އެކު ރެއާލުން ވަނީ މީގެ ކުރިން އެންމެ ގިނައި މި ތަށި ހޯދާފައިވާ އޭސީ މިލާނާއި ބާސެލޯނާއާއި އެއްވަރުކޮށްފައެވެ. މިއިން ކޮންމެ ޓީމަކުން ވެސް މިހާތަނަށް ވަނީ ފަސް ފަހަރު ސުޕަ ކަޕް ކާމިޔާބު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް