އުރީދޫގެ ގްލޯބަލް އެމްބެސެޑަރު ކަމަށްވާ ލިއަނަލް މެސީ އެ ކުންފުނީގެ ޕްރީމިއަމް ޕާރޓްނަރު ޕެރިސް ސެއިންޓް ޖާރމެއިން (ޕީއެސްޖީ) އާއި ގުޅުމާއިއެކު، ދިވެހިންނަށް އިތުރު ހަރަކާތްތަކެއް އައިސްދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.
ދިވެހިންގެ ތެރޭގައި މެސީގެ އެތައް ހާސް ފޭނުންނެއް ތިބި އިރު،މެސީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ ހަޔާތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް އުރީދޫއިން ގެންގުޅޭ ފަލްސަފާގައި ކުލަޖެއްސުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އުރީދޫގެ ގްލޯބަލް އެމްބެސެޑަރެވެ.2013 ވަނަ އަހަރުން ފެށިގެން މެސީ އަންނަނީ އުރީދޫގެ އެކްސްކްލޫސިވް ބްރޭން އެމްބެސެޑަރުގެ ގޮތުގައި ހަރަކާތްތެެރި ވަމުންނެވެ.އުރީދޫއިން އަބަދުވެސް އަންނަނީ އެކި މުޖުތަމައުތަކަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުން ކަމަށް ވާއިރު، މެސީ އަންނަނީ އުރީދޫގެ މި މަސައްކަތުގައި އިސް ދައުރެއް އަދާ ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.އެގޮތުން، ޒުވާނުންނަށް ޚާއްސަ ކޮށްގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގައި ކުރިއަށް ގެންދާ ގިނަ ހަރަކާތްތަކެއްގައި މެސީ ވަނީ ބައިވެރި ވެ، ގިނަ ބައެއްގެ ހުވަފެންތަކުގައި ކުލަ ޖައްސައި ދިނުމަށް މަސައްކަތް ކޮށްފައެވެ.ދިވެހިންނަށްވެސް މެސީއާއި ބައްދަލު ކޮށްލުމުގެ ފުރުސަތު އުރީދޫއިން ވަނީ ފޯރު ކޮށްދީފައެވެ.
އުރީދޫއިން ޕީއެސްޖީއާއިއެކު ޕާރޓްނަރޝިޕް އެކުލަވައިލީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ޕާރޓްނަރޝިޕާއިއެކު މެދު އިރު މައްޗާއި ދެކުނު އެފްރިކާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ގިނަ ޤައުމުތަކެއްގައި ޒުވާނުން ބިނާ ކުރުމާއި ކޮމިއުނިޓީ ސަޕޯޓު ފޯރުކޮށް ދިނުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ގުޅިގެން ކުރިއަށް ގެންގޮސްފައެވެ.މީގެ ތެރޭގައި ފޭނުންނަށް ޚާއްސަ ކޮށްގެން އުރީދޫއާއި ޕީއެސްޖީއިން ކުރިއަށް ގެންގޮސްފައިވާ ކެމްޕޭނުތަކުގެ އިތުރުން، "ޕެރިސް ސެއިންޓް ޖާމެއިން އެކެޑެމީ ބައި އުރީދޫ"ގެ ނަމުގައި ޤާއިމް ކޮށްފައިވާ ބައިނަލްއަޤްވާމީ ކޯޗިންގ ޕްރޮގްރާމް ފާހަގަ ކޮށްލެވެއެވެ.މި ޕްރޮގްރާމަކީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދޭ އީޖާދީ ޕްރޮގްރާމެކެވެ. ދިވެހިރާއްޖޭގައިވެސް މި ޕްރޮގްރާމް 2 ފަހަރެއްގެ މަތިން ކުރިއަށް ގެންގޮސްފައި ވެއެވެ.
އުރީދޫއާއި މިހާ ގާތް ގުޅުމެއް އޮންނަ ޕާރޓްނަރެއް ކަމަށްވާ ޕީއެސްޖީއާއި އެ ކުންފުނީގެ އެމްބެސެޑަރު މެސީ ގުޅުމާއިއެކު، މިއީ ހަމަ ޔަޤީނުންވެސް ފޭނުންނަށް ގިނަ ތަސައްވަރުތަކެއް ކުރެވި އުންމީދުތައް އިތުރު ވެގެން ދާނޭ ބަދަލެކެވެ.މި ބަދަލާއިއެކު ދިވެހިންނަށް ޚާއްސަ ހަރަކާތްތަކެއް އުރީދޫއިން ތަޢާރަފް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށްވެސް ދިވެހި ފޭނުން ބުނެއެވެ.އަންގާރަ ދުވަހު ޕީއެސްޖީއާއިއެކު 2 އަހަރުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ބުނެފައި ވަނީ އޭނާގެ މިހާރުގެ އުންމީދަކީ ޕީއެސްޖީގެ ކުޅުންތެރިންނާއިއެކު ފަރިތަކުރުންތައް ފެށުން ކަމަށެވެ.އަދި ޕީއެސްޖީގެ ސްޓާފުންނާއި ޓީމު މެންބަރުންނާއިއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، މި އައު ބަދަލާއިމެދު އުފަލުން ހުރި ކަމަށް މެސީ ވަނީ ބުނެފައެވެ.މީގެ އިތުރުން، ކުލަބަށާއި ފޭނުންނަށްޓަކައި ޚާއްސަ އެއްޗަކަށް މި ބަދަލު ވެގެން ދިއުމަށް އެހީވާން އަޒުމު ކަނޑައަޅައިގެން ހުރި ކަމަށްވެސް މެސީ ވަނީ އޭނާގެ އިންޓަވިއުގައި ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް