ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މިއަދުގެ ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ މިއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތެއް ނޫން ކަމަށާއި، މިގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ގަބޫލުކުރައްވާކަން ހާމަވެގެންދާ ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިހުގެ 39 މެމްބަރުންގެ ވޯޓުން އެގަރާރު ފާސް ކުރި ނަމަވެސް ގައުމީ މަޖިލީހުގައި 142 މެންބަރުން ތިއްބަވާ ކަމަށެވެ. އަދި އެމަޖިލީހުގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ބައިވެރިވެވަޑައިނުގަތީ ކުއްލި ނުރައްކަލުގެ ހާލަތު މި ދަނޑިވަޅުގައި އިއުލާން ކުރަން ޖެހޭ ކަމަށް ނުފެންނާތީ ފާޅުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށް ދެކޮޅު ނުހެއްދެވުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރި ނަމަވެސް އެކަމާއި ގުޅިގެން ހަރުކަށި ފިކުރުގެ މީހުން ހޯދައި އޭގެ ހަރާކާތްތައް ހުއްޓުވުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ވެސް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެކަމުގެ ނަތީޖާ ފެންނަ ކަމަށެވެ.
ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ކުއްލި ނުރައްކާ އިއުލާނުކުރުމަށް އެމްޑީޕީން އިގުރާރުވެފައިވަނީ މިކަމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރުމަށް ފަހުއެވެ. މި ގަރާރު އެމްޑީޕީގެ 180 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް