ގައުމީ އެއައްލައިން އިން ބޭރުގެ ކުންފުންޏަކާ ޖޮއިންޓް ވެންޗަރ ހަދަން މަޝްވަރާ ފަށައިފި

ރާއްޖޭގެ ގައުމީ އެއައްލައިން އިން ބޭރުގެ ކުންފުންޏަކާ ޖޮއިންޓް ވެންޗަރ ހަދަން މަޝްވަރާ ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅު...

11 Aug 2021 | 14:31

ރާއްޖޭގެ ގައުމީ އެއައްލައިން އިން ބޭރުގެ ކުންފުންޏަކާ ޖޮއިންޓް ވެންޗަރ ހަދަން މަޝްވަރާ ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވާ މިއަދުހަވީރު ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ވިދާޅުވީ އެއީ މެދުއިރުމަތީގެ ދެ ކުންފުންޏެއް ކަމަށެވެ.

އެހެންނަމަވެސް އެ ކުންފުނިތަކުގެ ތަފްސީލެއް ރައީސް ހާމައެއް ނުކުރައްވަ އެވެ.

ބޮޑަށް ލަފާ ކުރެވޭ ގޮތުގައި އެ މަޝްވަރާތައް ހިނގަމުންދަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މެދުއިރުމަތީގެ ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

މިނިސްޓަރ އަމީރުގެ މި ދަތުރުފުޅަކީ ވިޔަފާރީގެ ފުރުސަތުތައް ހޯއްދަވާ، ރާއްޖޭގެ ހާލަތާއި އިންވެސްޓްމަންޓަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު މެދު އިރުމަތީގެ އިންވެސްޓަރުންނަށް ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މޯލްޑިވިއަން ބޭރުގެ ބަޔަކާ ގުޅެން މަޝްވަރާ ކުރާ އިރު، އެ ކުންފުނި މިހާރު އެކަށީގެންވާ ގޮތެއްގައި ނުހިންގޭ ވާހަކައާއި، އެ ކުންފުނި ޕްރައިވެޓައިޒް ކޮށް ވިއްކާލާ ވާހަކަވެސް ދަނީ ބާރަށް ދެކެވެމުން ނެވެ.

މޯލްޑިވިއަންގެ ސީޕްލޭން ވިންގްވެސް ވިއްކާލާ އަޑުތައް ވެސް ފެތުރިފައި ވާއިރު، ރައީސް ސޯލިހު މިއަދު ވިދާޅުވީ ސީ ޕްލޭން ޚިދުމަތް ވެސް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އަޅުގަނޑު ވެރިކަމާ ހަވާލުވި އިރުވެސް މޯލްޑިވިއަން އޮތީ ގެއްލުމުގަ. އަދި މިހާރުވެސް ހިންގަނީ ބޮޑު ގެއްލުމުގަ." ރައީސް ވިދާޅުވި އެވެ.

މޯލްޑިވިއަން ޖޭވީއެއް ހަދަން މަޝްވަރާ ކުރާ އިރު، މި އަހަރުގެ ބަޖެޓުގައި ދައުލަތުގެ ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 400 މިލިއަން ރުފިޔާ ހޯދަން އޮތީ ހިމަނާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް