ރާއްޖެއިން މުދާ ބޭރުކުރެވުނު މިންވަރު 19 އިންސައްތަ އިތުރުވެއްޖެ: ރައީސް

މި އަހަރުގެ ޖުލައި މަހު މި ދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ދިވެހިރާއްޖޭން މުދާ ބޭރުކުރެވުނު މިންވަރު 19 އިންސައްތަ އިތުރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އ...

11 Aug 2021 | 11:27

މި އަހަރުގެ ޖުލައި މަހު މި ދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ދިވެހިރާއްޖޭން މުދާ ބޭރުކުރެވުނު މިންވަރު 19 އިންސައްތަ އިތުރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައީސް މިހެން ވިދާޅުވި އިރު، ޕްރެސްގައި ވަނީ މުހިންމު އެހެން ބައެއް ކަންކަން ވެސް ފާހަގަކޮށްފައެވެ. އެ ގޮތުން މިހާރު ފެތުރެމުންދާ ކޯވިޑް-19 ރޯގާއިން ދިފާއުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދާ ހަމައަށް އާބާދީގެ 80 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށާއި ވެކްސިންގެ ދެވަނަ ޑޯޒު 69 އިންސައްތަ މީހުން ފުރިހަމަކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގައި ކޯވިޑް-19 ފެތުރެން ފެށިއިރު ރާއްޖެއަކީ މިފަދަ ބަލިމަޑުކަމަކާ ކުރިމަތިލުމުގެ އެއްވެސް ވަސީލަތެއް ގާއިމު ކުރެވިފައިވާ ގައުމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް އަމާޒަކަށްވީ މިބައްޔަށް ފަރުވާ ދެވޭ ވަރަށް ރާއްޖޭގެ ސިއްހީ ނިޒާމުގެ ގާބިލުކަން އިތުރުކުރުން ކަމަށާއި، އެމަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދަތިތައް ވީހާ ވެސް ކުޑަކުރުމަށް ސަރުކާރުން ކޮށްދެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީގެ ތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ރައީސް ރައްދު ދެއްވިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށާއި، ރައީސް ސާލިހާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވެފައިވާއިރު، އެ ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އަދި ސިޔާސީ އެކި ފަރާތްތަކުން ގެންދަނީ އެކަމާމެދު ޝުއޫރު ފާޅު ކުރަމުންނެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ހަރުކަށި ފިކުރު އޮތްކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ނަމަވެސް ހަރުކަށި ފިކުރަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައަކަށްވާއިރު، ހުރިހާ ދިމާއެއްގައިވެސް މި ފިކުރު އުޅުމަކީ އެކަށީގެންވާކަމެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެމްޑީޕީގައިވެސް އެ ވިސްނުމުގެ މަދު ބަޔަކު ތިބެދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އީސް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ހަރުކަށި ފިކުރު މޫލައި، އެމްޑީޕީގެ ސިޔާސަތުތަކާއި ވިސްނުންތައް އެ ދިމާއަށް އެނބުރިގެންދާ މިންވަރަށް ޕާޓީގައި އެ ފިކުރު އޮތްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އޮތްނަމަ، އެކަން އެމަނިކުފާނު ހުއްޓުވާނެ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް