ދެވަނަ ދައުރަކަށް ކުރިމަތި ލާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ދެއްވައިފި އެވެ.
އެމަނިކުފާނު މި ފަދަ އިޝާރާތެއް ދެއްވީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ރައީސް ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ވެރިކަން ކުރުމަށް ފަސް އަހަރުގެ ދެ ދައުރު ލިބޭ ކަމަށާއި އެ ފުރުސަތު އެމަނިކުފާނަށް ވެސް ބަންދު ނުވާ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ދެވަނަ ދައުރަކާ މެދު ވިސްނުމަށް ވުރެ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ރިޔާސީ ވައުދުތައް ފުއްދެވުމަށް ކަމަށެވެ.
"ގާނޫނު އަސާސީގައި އޮންނަގޮތުން ކޮންމެ މީހަކަށް ވެސް 5 އަހަރުގެ ދެ ދައުރަށް ކުރިމަތިލުމުގެ ފުރުސަތު އޮވޭ. އެގޮތުން ކުރިއަށް އޮތް 2023 ގައި ކުރިމަތިލުމުގެ ފުރުސަތު އަޅުގަނޑަށް ވެސް އެބައޮތް. އެ ބަންދެއް ނުވޭ. އެހެންނަމަވެސް ކުރިން ދުވަހުވެސް އަޅުގަނޑު ދެންނެވި ފަދައިން މިހާރުގެ އަމާޒަކީ އަޅުގަނޑުވީ ވައުދުތައް ފުއްދުމުގައި ކުރިއަށް ދިއުން." ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާއިރު، 05 ޖުލައި 2021 ގައި ބޭއްވި އާކްސް ސްޕީކަރ ޕްރޮގްރާމްގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބެއް 2023 ގައި އޮވެއްޖެ ނަމަ އެމްޑީޕީގެ ކެންޑިޑޭޓަކަށް ހުންނަވާނީ އެ މަނިކުފާނު ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ އަށް އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމު ކަމަށް އަދިވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބެއް އޮވެއްޖެ ނަމަ އެމްޑީޕީގެ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. އެ އިންތިޚާބަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާދަކުރައްވައިފި ނަމަ ތާއީދު ކުރައްވާނެތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވެފައިވަނީ 2023 ގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނީ އެމަނިކުފާނު ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނަޝީދު ވަނީ ރައީސް ސާލިޙަށް ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް