ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް ޖޫރިމަނާ ފައިސާ ދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
އާމިރު ހިންގާ ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކަށް ޖުމުލަ 4.04 މިލިއަން ރުފިޔާ އެ ޕާޓީން ދައްކަން ޖެހެ އެވެ. އެ ފައިސާ ދައްކާފައި ނުވާތީ ޖޫރިމަނާ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ ވަނީ އަރައިފަ އެވެ.
ޖޫރިމަނާ ފައިސާ ދޭން ނުޖެހޭ ކަމަށް ހައިކޯޓުން ހުކުމް ކުރުމުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އާމިރުގެ ފަރާތުން އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގަ މިއަދު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އިންވޮއިސްގައި ޖޫރިމަނާ ދައްކަން ޖެހޭނެ ކަމަށް ބުނެފައިވާ އިބާރާތަކީ ފައިސާ ލިބެންވާ ފަރާތަށް އިންވޮއިސްގައިވާ ގޮތަށް ފައިސާ ނުލިބިއްޖެ ހާލަތެއްގައި ލިބިދާނެ ގެއްލުމެއް ފޫބެއްދުމަށް ހިމަނާފައިވާ އިބާރާތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ފައިސާ ނުދައްކައިފި ނަމަ އުގޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ އިބާރާތަކަށް ވުމުން އެއީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.
އާމިރަށް ދޭންޖެހޭ ޖޫރިމަނާ އުނި ކުރަން ހައި ކޯޓުން ނިންމީ ޖޫރިމަނާ ކުރެވޭނެ ވާހަކަ އިންވޮއިސްތަކުގައި އޮތް އިރު އިންވޮއިސްގައި ބަޔާން ކޮށްފައިވާ މުއްދަތުގެ ފަހުން އާމިރު ފައިސާ ބަލައިގަތް ނަމަވެސް ޖޫރިމަނާގެ ފައިސާ އަތުލާފައި ނުވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް