ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން މިރޭ އޮންނާނެ އެވެ.
ދރަވަންދޫ ކައުންސިލު އިދާރާ އިން ބުނީ ގުރުއަތލުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 9:00 ގައި ކައުންސިލު އިދާރާގައި ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި އަންހެން 5 ޓީމާއި ފިރިހެން 5 ޓީމު ވަނީ ބައިވެރިވެފަ އެވެ. އަދި މިއަހަރުގެ ފިއެސްޓާގައި ނިންމާފައިވަނީ (އަންހެން އަދި ފިރިހެން ވަކިން) ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅޭގޮތަށެވެ.
މި ފިއެސްޓާ މި މަހުގެ 15 ގައި ފެށުމަށް ތާވަލުކޮށްފައިވާ އިރު، ކޮންމެ ރެއަކު ވެސް 2 މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ.
ދަރަވަންދޫ ކައުންސިލު އިދާރާ އިން އިންތިޒާމުކޮށްގެން ބާއްވާ މި ފިއެސްޓާ ފެށުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ ޖުލައި މަހު 20 ވީ އަންގާރަ ދުވަހު އެވެ. ނަމަވެސް މި މަހުގެ 15 ގައި ފެށުމަށް ނިންމީ ޢީދު ބަންދާއި ޗުއްޓީގައި ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވާތީ އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ނެވެ.
ހަމައެކަނި ދަރަވަންދޫގެ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި ފިއެސްޓާގައި ކޮންމެ ގިންތިއެއްގައި ބައިވެރި ކުރެވޭނީ ވަކި ޓީމެއް ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެ އެވެ.
ފާއިތުވި އަހަރުތަކުގައި މި މުބާރާތް ބާއްވާފައިވަނީ އަންހެން އަދި ފިރިހެން މުބާރާތަކީ ދެ މުބާރާތެއްގެ ގޮތުގައި ނަމަވެސް، މިއަހަރު ބާއްވާނީ ފިއެސްޓާއެއްގެ ގޮތުގަ އެވެ.
ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރ އަކީ ދުވަސްއެމްވީ އެވެ. އަދި ޕްރިންޓިންގ ޕާޓްނަރ އަކީ އެންޕްލަސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް