އިންޑިއާގައި މަނާ ކޮށްފައިވާ އިސްލާމިސްޓް ގުރޫޕެއް ކަމަށްވާ ޖަމާއަތޭ އިސްލާމްއިން ސަދަޤާތާއި ޒަކާތުގެ ނަމުގައި ނިިރުބަވެރި ހަރަކާތްތަކަށް ފައިސާ ހޯދަމުން ގެންދާ ކަމަށް އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީން (އެންއައިއޭ) ހާމަ ކޮށްފިއެވެ.
އެންއައިއޭއިން މިކަން ހާމަ ކޮށްފައި ވަނީ ޖައްމޫ އަދި ކަޝްމީރުގެ އެކި ސަރަޙައްދުތައް ބަލާ ފާސް ކުރަން ފަށާފައިވާތާ ކުޑަ ދުވަސް ކޮޅެއް ފަހުންނެވެ. އެންއައިއޭ އިން މި ތަޙްޤީޤުތައް ފަށާފައި ވަނީ އެ ސަރަޙައްދުތަކުގައި ޖަމާއަތޭ އިސްލާމްގެ ހަރަކާތްތައް ކުރިއަށްދާ ކަމުގެ އިންޓެލިޖެންސް ލިބުމާއި ގުޅިގެންނެވެ.
އެންއައިއޭއިން ހާމަ ކޮށްފައިވާ ގޮތުގައި އެ ޖަމާއަތުގެ މެންބަރުން އަންނަނީ ސަދަޤާތުގެ ގޮތުގައި ކަމަށް ބުނެ މުސްލިމުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާ، އެ ފައިސާ އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ނިރުބަވެރި ހަރަކާތްތައް ހިންގުމަށް ބޭނުން ކުރަމުންނެވެ. އަދި ޚާއްސަކޮށް ޒަކާތް ނެގުމުގެ ނަމުގައި އިންޑިއާގެ މުސްލިމުންގެ އިތުރުން ބޭރު ޤައުމުތަކުގެ މުސްލިމުންގެ އަތުންވެސް އެ ޖަމާއަތުން ފައިސާ ހޯދަމުން އަންނަ ކަމަށް އެންއައިއޭއިން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން މިސްކިތް އެޅުމާއި ފަޤީރުންނަށް އެހީވުމުގެ އެކި ކަހަލަ ވެލްފެއަރ ޙަރަކާތްތަކަށް ކަމަށް ބުނެ މައުދާ އަދި ބައިތުލް މާލުގެ ނަމުގައިވެސް އެ ޖަމާއަތުން މިގޮތަށް ފައިސާ ހޯދާ ކަމަށް އެންއައިއޭއިން ބުނެއެވެ. އެންއައިއޭއިން އިތުރަށް ހާމަ ކޮށްފައިވާ ގޮތުގައި މި ފައިސާ ހިޒްބުލް މުޖާހިދީން އަދި ލަޝްކަރޭ ޠައިބާފަދަ ޖަމާއަތްތަކަށްވެސް ޖަމާއަތޭ އިސްލާމްއިން އަންނަނީ ފޮނުވަމުންނެވެ.
އެންއައިއޭއިން ވަނީ މިހާތަނަށް ޖައްމޫ އަދި ކަޝްމީރަށް ނިސްބަތްވާ ޑިސްޓްރިކްތަކުގެ ތެރެއިން 56 ސަރަޙައްދެއް ބަލައި ފާސް ކޮށްފައެވެ. މިއީ މުޅިންވެސް ޖަމާއަތޭ އިސްލާމްއާއި ގުޅުން ހުރި ސަރަޙައްދުތައް ކަމަށް އެންއައިއޭއިން ބުނެއެވެ. މިއަހަރު މާރިޗުގައި ރެޖިސްޓަރ ކޮށްފައިވާ "ޓެރަރ ފަންޑިންގ ކޭސް" ނުވަތަ ނިރުބަވެރިކަމަށް ފަންޑު ކުރާ މައްސައަކީ ޖަމާއަތޭ އިސްލާމާއި ގުޅުން ހުރި ކޭސްއެކެވެ.
ޕުލްވަމާގައި ދިން ނިރުބަވެރި ހަމަލާއަށް ފަހު 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ ޖަމާއަތް އިންޑިއާގައި ބޭން ކޮށްފައި ވީ ނަމަވެސް، އެ ޖަމާއަތުން އަންނަނީ އަދިވެސް ޤާނޫނާއި ފުށޫއަރާ ގިނަ ހަރަކާތްތަކެއް ހިންގާ އެފަދަ ހަރަކާތްތަކުގައި އަންނަނީ ބައިވެރި ވަމުންނެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުވެސް ޖަމާއަތޭ އިސްލާމް ވަނީ އިންޑިއާގެ އަންލޯފުލް އެކްޓިވިޓީސް ޕްރިވެންޝަން ޤާނޫނުގެ ދަށުން ނިރުބަވެރިކަމަށް ފަންޑު ކުރި މައްސަލައެއްގައި ރެޖިސްޓަރ ކޮށްފައެވެ.
ޖަމާއަތޭ އިސްލާމުން ކަޝްމީރުގެ ގިނަ ޒުވާނުންނެއް ރުކްރޫޓުކޮށް އެ ޖަމާއަތުގައި ބައިވެރި ކުރުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމަށާއި ކަޝްމީރުގެ ސަރަޙައްދުތަކުގައި ނިރުބަވެރި ހަރަކާތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރާ ކަމަށް އިންޑިއާގެ ނިއުސް 18 އިން ރިޕޯޓު ކޮށްފައި ވެއެވެ. އެކި އެކި މަސްދަރުތަކުން ބުނާ ގޮތުގައި އެ ޖަމާއަތުގެ މެންބަރުން ދުބާއީ އާއި ތުރުކީ މެދުވެރިކޮށް ފައިސާ ދައުރު ކުރަމުންދާ ކަމަށާއި، މި ފައިސާ ދައުރު ކުރަނީ ޕާކިސްތާނުގެ ސީކްރެޓް އިންޓެލިޖެންސް ސަރވިސްގެ އެހީގައި ކަމަށްވެސް ނިއުސް 18 އިން ވަނީ ރިޕޯޓު ކޮށްފައެވެ.
މި ރެއިޑާއި ގުޅިގެން ޕާކިސްތާނުގެ އެޑްމިނިސްޓްރޭޝަންގައި އޮންނަ އާޒާދު ކަޝްމީރު (ޕީއޯކޭ) ގެ ރައީސް ވަނީ އިންޑިއާގެ ސަރުކާރުން ހިންގި މި ހަރަކާތްތަކަކީ ނަރުބަވެރިކަމުގެ އެންމެ ބޮޑު ހަރަކާތުގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް