ބުރްޖު ޚަލީފާގެ އެންމެ އުހުގައި ކުޅެފައިވާ އެމިރޭޓްސްގެ އިޝްތިހާރުގެ ނޭނގޭ ވާހަކަތައް

ފާއިތުވި ހަފްތާގައި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ނަން އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ނެގުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން އެމިރޭޓްސްއިން އާންމު ކޮށްފައިވާ ވީޑިއޯއަށް ވަނީ ބޮޑު ސަމާލު ކަމ...

11 Aug 2021 | 10:07

ފާއިތުވި ހަފްތާގައި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ނަން އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ނެގުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން އެމިރޭޓްސްއިން އާންމު ކޮށްފައިވާ ވީޑިއޯއަށް ވަނީ ބޮޑު ސަމާލު ކަމެއް ލިބިގެން ގޮސްފައެވެ.

ގިނަ ބަޔަކު މި ވީޑިއޯއަކީ އަސްލެއް ތޯ ނުވަތަ ނޫންތޯ ސުވާލު ކުރަމުން ގެންދާތީވެ މިހާރު އެމިރޭޓްސްއިން ވަނީ ސްކައި ޑައިވަރ އަދި ސްޓަންޓްސް ވުމަން ނިކޯލް ސްމިތު ކުޅެފައިވާ މި ވީޑިއޯގެ ‘ބިހައިންޑް ދަ ސީންސް’ އާންމު ކޮށްފައެވެ.

މި ވީޑިއޯއިން ފެންނަނީ އެމިރޭޓްސް އެއަރލައިންގެ ކުރޫއިންގެ ޔުނިފޯމެއް ލައިގެން ހުރި ނިކޯލް ބުރްޖު ޚަލީފާގެ އެންމެ މަތީގައި ހުރެ "މަންމާ، އަހަރެން މިހިރީ ދުނިޔޭގެ އެންމެ އުހުގައި" މިހެން ބުނެ ހިނިގަނޑެއް ޖަހާލާ މަންޒަރެވެ. އައު ވީޑިއޯއިން ފެންނަ ގޮތުގައި މި ވީޑިއޯ ނެގުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވީޑިއޯ ނެގި ޓީމުން ކޮށްފައިވާ މަންޒަރު ހާމަ ވެގެން ދެއެވެ.

އެގޮތުން، ރައްކާތެރި ކަމުގެ ގޮތުން ބޮޑެތި ތައްޔާރީތައްވެ ޕްލޭންތައް އެކުލަވާލާ، ނިކޯލްވެސް ވަނީ ގިނަ ފަހަރެއްގެ މަތިން ސްޓަންޓްގެ ރިހާސަލް ގުދަނެއްގައި ޖައްސާފައެވެ. މި ވީޑިއޯގެ ޕޯސްޓް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން އެމިރޭޓްސްއިން ބުނެފައި ވަނީ މިހާރު އެންމެން ވީޑިއޯގެ ހަޤީޤަތާއި މެދު ކުރަމުން ދިޔަ ސުވާލަށް ޖަވާބު ލިބިދާނެ ކަމަށެވެ.

އެމިރޭޓްސްއިން ބުނީ ވީޑިއޯގައި 'ކެބިން ކުރޫ'ގެ ފަރާތުން ފެންނަ އަމިއްލަ ނަފްސަށް އޮތް އިތުބާރު ރަމްޒު ކޮށްދެނީ އެމިރޭޓްސްގެ ފްރަންޓްލައިން ޓީމުން ދަތުރުވެރިންނަށް ޙިދުމަތްތައް ފޯރުކޮށް ދިނުމުގައި އެ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ގޮތް ކަމަށެވެ. ބުރްޖް ޚަލީފާގެ އެންމެ އުހުގައި ވީޑިއޯ ނެގުމުގެ ހުއްދަ ލިބުނު މަދު ބައެއްގެ ތެރޭގައި ހިިމެނި، ދުބާއީގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު މި ވީޑިއޯއިން ލިބުނީތީ ވަރަށް އުފާވާ ކަމަށްވެސް އެމިރޭޓްސްއިން ބުނެއެވެ.

މި "ބިހައިންޑް ދަ ސީންސް" ވީޑިއޯގެ މަންޒަރުތަކުން ފެންނަ ގޮތުން އެ ވީޑިއޯ ނެގުމުގައި ޓީމަށް ދިމާވި ގޮންޖެހުންތައް ފެނިގެން ދެއެވެ. އެގޮތުން ބުރްޖް ޚަލީފާގެ 160 ވަނަ ފަންގިފިލާއިން ފެށިގެން ޓީމުން އެންމެ މަތީ ލެވެލްއާއި ހަމައަށް އެރުމަށް އެއް ގަޑިއިރު ނެގި ކަމަށާއި، މިއީ ދުނިޔޭގައިވެސް މިހާ އުހުގައި ނަގާފައިވާ މަދު ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމިރޭޓްސްއިން ބުނެފައި ވަނީ މި ވީޑިއޯއާއިއެކު، ބުރްޖް ޚަލީފާގެ އެންމެ އުހުގައި ހުއްޓިލުމުގެ ފުރުސަތު ލިބުނު މަދު މީހުންގެ ތެރޭގައި ނިކޯލް ހިމެނިގެން ގޮސްފައިވާ ކަމަށެވެ. މީގެ ކުރިން މި ޝަރަފު ލިބިފައިވާ މަޝްހޫރު މީހުންގެ ތެރޭގައި ޓޮމް ކްރޫޒްއާއި ދުބާއީގެ ވަލީއަޙްދު ޝެއިޚް ހައްމާދު ބިން މުޙައްމަދު ހިމެނެއެވެ.

https://www.instagram.com/p/CSWRZRUpPi1/?utm_source=ig_embed&ig_rid=4aafe3e6-0834-498c-9b68-b3929fbdfb9a

އެމިރޭޓްސްގެ މި ކެމްޕޭނު މީސްމީޑިއާގައި ވައިރަލްވެ، މި ވީޑިއޯއަށް ވަނީ 586،000 ވިއު އަދި 78،000 ލައިކްސް ލިބިފައެވެ.

މިކަން ފާހަގަ ކުރަމުން ނިކޯލް އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ގޮތުގައި މިއީ އޭނާ މިހާތަނަށް  މަސައްކަތް ކުރި ސްޓަންޓްތަކުގެ ތެރެއިން އެންމެ ކަމުދާ އެއް ސްޓަންޓެވެ. މިކަމަށްޓަކައި އެމިރޭޓްސްގެ މާކެޓިންގ ޓީމަށް ނިކޯލް ވަނީ އޭނާގެ އެކައުންޓުން 'ޝައުޓް އައުޓެއް' ދީފައެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސްއާއި ބަހްރޭނު އިނގިރޭސިވިލާތުގެ ދަތުރު ކުރުމުގެ ރެޑް ލިސްޓުން އުނި ކޮށްފައި ވަނީ ފާއިތުވި ހަފްތާގެ ބުދަ ދުވަހުއެވެ. މި 2 ޤައުމުވެސް މިހާރު އިނގިރޭސިވިލާތުގެ އެމްބަރ ލިސްޓަށް ވަނީ އިތުރު ކޮށްފައެވެ.

މި ލިސްޓުގައި ހިމެނޭ ޤައުމުތަކުން އިނގިރޭސިވިލާތަށް ދަތުރު ކުރާ ފަރާތްތައް ސަރުކާރުގެ ހޮޓަލެއްގައި 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވި ނަމަވެސް ކަރަންޓީނުގެ ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. އަދި 5 ދުވަސް ފަހުން ހައްދާ ޕީސީއާރް ޓެސްޓަކުން ކޮވިޑަށް ނައްސި ވެއްޖެނަމަ، އިތުރު ދުވަސްތަަކަކަށް ކަރަންޓީން ވާކަށްވެސް ނުޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް