ދަރިފުޅު ވިހެއިތަނާ ކޯވިޑުގައި މެލޭޝިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ސިޓީ ސާރާ މަރުވެއްޖެ

މެލޭޝިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ސިޓީ ސާރާ ރައީސުއްދީން އޭނާގެ 4 ވަނަ ދަރިފުޅު ވެހެއިތާ މަދު ދުވަސްކޮޅެއް ތެރޭގައި ކޯވިޑް-19 ޖެހިގެން މަރު ވެއްޖެއެވެ. މަރުވި އިރު އޭނާގެ އުމުރަކީ 36 އަހަރެވެ. ޝަހ...

11 Aug 2021 | 09:42

މެލޭޝިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ސިޓީ ސާރާ ރައީސުއްދީން އޭނާގެ 4 ވަނަ ދަރިފުޅު ވެހެއިތާ މަދު ދުވަސްކޮޅެއް ތެރޭގައި ކޯވިޑް-19 ޖެހިގެން މަރު ވެއްޖެއެވެ.

މަރުވި އިރު އޭނާގެ އުމުރަކީ 36 އަހަރެވެ.

ޝަހްމީރާ މުޙައްމަދު (ސްޓޭޖު ނަމުން ސިޓީ ސާރާ ރައީސުއްދީން) މަރުވިކަން އޭނާގެ ފިރިމީހާ އަދި މެލޭޝިއާގެ ފިލްމީތަރި ޝުއިބް ސެޕާތޫ ވަނީ މެލޭޝިއާގެ މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. ސާރާ މަރުވެފައި ވަނީ އެ ދެމަފިރިންނަށް 4 ވަނައަށް ލިބުނު ފިރިހެން ދަރިފުޅު ވިހެއިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ޝުއިބް މައުލޫމާތު ދެއެވެ.

އޭނާ ބުނީ ހަސްފަތާލުގައި ސިޓީ ސާރާއަށް ފަރުވާ ދެމުން ގެންދިޔަ ޑޮކްޓަރުން ވީޑިއޯ ކޯލެއް މެދުވެރިކޮށް ސިޓީ ސާރާއަށް އޭނާއާއި ދެން ތިބި ދަރިންނަށް ގުޅޭ ގޮތް ހަދާ ދީފައިވާ ކަމަށާއި، އެއީ އެ އާއިލާއަށް ސާރާ ދިރިހުއްޓާ ލޮލަށް ފެނުނު އެންމެ ފަހު ފަހަރު ކަމަށެވެ. އެވަގުތު ސިޓީ ސާރާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔަ ކަމަށާއި، ވާހަކަ ނުދެއްކުނު ނަމަވެސް އެ ކުދިން ދައްކަމުން ދިޔަ ވާހަކަތައް ފަހުމްވާކަން ދެނެގަނެވުނު ކަމަށެވެ.

ކުދިން ނިންދެވުމަށް ފަހު އެރޭ ހަސްފަތާލަށް ގޮސް އަނބިމީހާއަށް ޔާސީން ސޫރަތް ކިޔައިދީ ނަމާދު ކުރެވުނު ނަމަވެސް ސިޓީ ސާރާއަކީ ކޮވިޑު ބަލި މީހެއް ކަމުން އޭނާއަށް އަނބިމީހާ ދެކިލާ ބައްދަލު ކޮށްލުމުގެ ހުއްދަ ލިބިފައި ނުވާ ކަމަށް ޝުއިބް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޝުއިބް ބުނެފައި ވަނީ ސާރާ ވަނީ ހިތްވަރު ނަގާނުލައި ހުއްޓުމެއް ނެތި ދަރިފުޅު ސަލާމަތް ކުރަން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި ދަރިފުޅަށް އޭނާ ދޭން ބޭނުންވި ނަމަކީ އަޔާޝް އައްފާން ކަމަށާއި، ސާރާ ބުނި ގޮތުގައި އެއީ ޣައްޒާގެ މުޖާހިދަކަށް ކިޔާ ނަމެއް ކަމަށެވެ.އެހެން ކަމުން، އޭނާގެ ދަރިފުޅަށްވެސް އެ ނަން ކިޔަން އޭނާ އަބަދުވެސް ބުނަމުން ދިޔަ ކަމަށް ޝުއިބް ހާމަ ކޮށްފައި ވެއެވެ.

ސިޓީ ސާރާ މަރުވި އިރު އޭނާގެ އާއިލާގައި ތިބީ ފިރި މީހާ ޝުއިބްގެ އިތުރުން ފަހުން ލިބުނު ފިރިހެން ދަރިފުޅާއި، އުމުރުން 10 އަހަރުގެ ދަރިފުޅު ކަމަށްވާ އުވެއިސް އަލްޤަރްނީ، އުމުރުން 8 އަހަރުގެ ދަރިފުޅު ތަލިތާ ޒަހްރާ އަދި އުމުރުން 6 އަހަރުގެ ދަރިފުޅު ކަމަށްވާ އަރީޤް މަތީންއެވެ.

މެލޭޝިއާގެ މީޑިއާތަކުން ހާމަ ކޮށްފައިވާ ގޮތުގައި ސިޓީ ސާރާގެ މުޅި އާއިލާ ވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު ކޯވިޑު 19 އަށް ފައްސި ވެފައެވެ. އޭނާގެ ބަނޑަށް އޭރު ވަނީ 8 މަސް ވެފައެވެ. ކޮވިޑަށް ފައްސިވިކަން އެނގުމުން އޭނާ ވަނީ އޭނާގެ އާއިލާ ކޮވިޑަށް ޓެސްޓު ކުރުމަށް ޕީސީއާރް ނަގާ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެެވެ.

ކޮވިޑަށް ފައްސިވިކަން އަންގަދި ދިނުމަށް އާންމު ކުރި ވީޑިއޯގައި ސިޓީ ސާރާއަށް ވަނީ ރޮވިފައެވެ. އޭނާގެ ކުދިން ފައްސިވުމުން އެ ކުދިން ރޯ މަންޒަރު ފެނުމަކީ ހިތަށް ކެތް ނުކުރެވުނު ކަމެއް ކަމަށް ސާރާ ވަނީ  ބުނެފައެވެ.

މި މަހުގެ 4 ވަނަ ދުވަހު އޮކްސިޖަން މާސްކެއް އަޅައިގެން ހުރި ސާރާ އޭނާގެ ދަރިން ގައިގައި ބައްދާލައިގެން ނަގާފައިވާ ވީޑިއޯއެއްވެސް އާންމު ކޮށްފައި ވެއެވެ. މިއީ އޭނާގެ ދަރިންނާއިއެކު އޭނާ މިގޮތަށް އާންމު ކޮށްފައިވާ އެންމެ ފަހުގެ ވީޑިއޯއެވެ.

ސިޓީ ސާރާ ނިޔާވުމާއި ގުޅިގެން މެލޭޝިއާގެ ރަސްގެފާނު ސުލްތާން ޢަބްދުﷲ ސުލްތާން އަހްމަދު ޝާހު އަދި ރާނީ ތުންކު އަޒީޒާ އާމިނާ މައިމޫނާ އިސްކަންދަރިއްޔާ ވަނީ ސާރާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ސިޓީ ސާރާ ނިޔާ ވުމާއި ގުޅިގެން މެލޭޝިއާގެ ގިނަ ބަޔަކު އަންނަނީ އެކަމާއި ހިތާމަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް