ރައީސް ނަޝީދަށް ހަމަލާދިން މީހުންނަށް ކޯވިޑް އެލަވަންސް ދޭން ޝަރުތު ހަމަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އެހަމަލާ ދިން މީހުން އެޕާޓްމަންޓް ހިފައި، ސައިކަލެއް ގަނެފައިވާ ކަމަށެވެ.
"ހަމަލާ ދިން މީހުންނަށް މިފައިސާ ދިނީ ކާކުތޯ؟" އަފީފު ސުވާލު ކުރެއްވި އެވެ.
އަފީފު ވިދާޅުވީ ވަޒީފާ އަދާކުރާ އެތައްބަޔަކަށް، ވަޒީފާ އަދާކުރާ ފަރާތުން ރިޕޯޓު ދިނުމުން ވެސް ޝަރުތު ހަމަނުވެގެން ކޯވިޑް އެލަވަންސް ލިބިފައިނުވާއިރު، ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން މީހުންނަށް ކޯވިޑް އެލަވަންސް ދޭން ޝަރުތު ހަމަވެފައިވާ ކަމަށެވެ. އަދި މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެއް ކަމަށައި ހަމަލާ ދިން މީހުން ފޭކް ޑޮކިއުމަންޓް ހުށަހަޅައިގެން އެލަވަންސް ހޯދިއިރު، އެއީ ފޭކް ޑޮކިއުމަންޓްކަން ނުބެލެންވީ ސަބަބެއް އޮންނަންޖެހޭނެ ކަމަށެވެ.
"މިހާތަނަށް ފަންޑުރި ފަރާތެއްކަމުގައި ބެލެވެން އޮތީ ކޯވިޑް ލޯނު ދޫކުރި ފަރާތްކަމުގަ. އެހެންކަމުން، މިހާތަނަށް ފަންޑުކޮށްފައިވަނީ، ހަމަލާ ދިން ފަރާތްތަކުން ފޭކް ޑޮކިއުމަންޓް ހުށަހަޅައިގެން ހޯދި ފައިސާއިންކަން ކަމުގައި ބެލެވޭ. މި ހަމަލާގެ ފަހަތުގައި ތިބި އެންމެންވެސް ހޯދާނެކަމަށް ސަރުކާރުން ވެސް އަދި ފުލުހުންވެސް ވިދާޅުވޭ." އަފީފު ވިދާޅުވި އެވެ.
އެހެންނަމަވެސް ކަންތައް މިހާރުގޮސްފަ އޮތް ހިސާބަށް ބަލާއިރު، މިހާރު ހައްޔަރު ކޮށްފައިތިބި 4 މީހުންނަށް ނިންމާލައިފިއްޔާ އެކަމެއް ނުވާކަމަށް އަފީފް ވަނީ ވިދާޅުވެފަ އެވެ. އަދި މިކަން ރާވާފަ މިއޮތީ މިހާރު ހައްޔަރުގައި ތިބި މީހުން ނޫން ކަމަށާއި އެބަޔަކު ހޯދެން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް