ޖަޕާނަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ރޯލެއް އަދާކުރާ ބައިވެރިއެއް: ނައިބު ރައީސް

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލު ކުރެ...

11 Aug 2021 | 07:54

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭ ޤާއިމުވެފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.

މިގޮތުން، ޖަޕާނު ސަފީރު ވަނީ ވެކްސިން ހަދިޔާކުރުމުން ފެށިގެން ބޮޑެތި އެކި މަޝްރޫޢުތައް ހިމެނޭހެން އެކި ދާއިރާތަކުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބައްލަވައިލައްވާފަ އެވެ. ަދި ޖަޕާނުގެ ސަފީރު ވަނީ ކުރިޔަށް އޮތް އަހަރުތެރޭގައި ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ.

މިގޮތުން، ދެބޭފުޅުން ވަނީ ސީ އެމްބިއުލާނސް ހޯދުމާއި، ކުނި ނައްތާލުމުގެ ދާއިރާއިން އަދި މީހުން ބިނާކުރުމުގެ ދާއިރާއިން މަޝްވަރާކުރައްވާ ފައެވެ. ޖަޕާނަކީ، އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ރޯލެއް އަދާކުރާ ބައިވެރިއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަޕާނު ސަރުކާރުން އެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށް، ޖަޕާނުގެ ޒަމާންވީ އެހީތެރިކަން މާލޭގެ ބޭރުތޮށްޓަށް ނުވަތަ ރާއްޖޭގެ އެކި އެކި ސްކޫލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބަލައިލިކަމުގައިވިޔަސް މިހާރުވެސް ފެންނަމުންދާ ކަމުގައި ވިދާޅުވެފަ އެވެ. އަދި، އެމަނިކުފާނު ވަނީ މީހުން ބިނާކުރުމާއި، ޚާއްޞަކޮށް ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މުހިންމު އެއް ރިޔާސީ ވަޢުދުފުޅުކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި ޖަޕާނު ސަރުކާރުގެ އެހީތެރިކަމުގައި ހިންގާ މަޝްރޫޢުތަކުގެ އެދެވޭ ނަތީޖާ މުޖުތަމަޢަށް ނުހަނު ބޮޑަށް ކުރެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެޤައުމުގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ޙާލަތާއި ބެހޭގޮތުން މަޝްވަރާކުރައްވައި، ވީހާ ވެސް އަވަހަކަށް މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފަ އެވެ. އަދި، ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް