ވެކްސިންގެ ފުރަތަމަ ޑޯޒު ނުޖަހާ ފަސް ޓީޗަރަކު އެކަހެރި ކޮށްފި

ކޯވިޑް-19 ވެކްސިން ނުޖަހާ ފަސް ޓީޗަރަކު މަސައްކަތުން އެކަހެރިވާން އެ މުވައްޒަފުން މަސައްކަތް ކުރާ ސްކޫލްތަކުން އަންގައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި އޮތީ ފުރަތަމަ ޑޯޒު ޖަހާފައިވާ ޓީޗަރ...

11 Aug 2021 | 07:30

ކޯވިޑް-19 ވެކްސިން ނުޖަހާ ފަސް ޓީޗަރަކު މަސައްކަތުން އެކަހެރިވާން އެ މުވައްޒަފުން މަސައްކަތް ކުރާ ސްކޫލްތަކުން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި އޮތީ ފުރަތަމަ ޑޯޒު ޖަހާފައިވާ ޓީޗަރުންނާއި ސްކޫލްތަކުގެ މުވައްޒަފުން މިމަހުގެ ނިޔަލަށް ދެވަނަ ޑޯޒު ޖެހުމަށެވެ. އަދި މިހާތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މުވައްޒަފުން އިއްޔެގެ ނިޔަލަށް ފުރަތަމަ ޑޯޒު ޖަހާށެވެ.

އެ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު މީޑިއާގައި ވިދާޅުވީ މިނިސްޓްރީން ވާނީ ކޯވިޑް ވެކްސިން ޑޯޒުތައް ހަމަ ކުރުމަށް ވަކި މުއްދަތެއް ދީފައި ކަމަށެވެ. އޭގެ ތެރެއިން އިއްޔެ ފުރަތަމަ ޑޯޒު ޖަހަން ދީފައިވާ މުއްދަތު ހަމަވިއިރު ވެކްސިން ނުޖަހާތީ ރިޕޯޓު ކުރީ ތިން ސްކޫލެއްގެ މުވައްޒަފުން ކަމަށް ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ތިން ސްކޫލުގެ ފަސް ޓީޗަރުންނަށް ސްކޫލްތައް މެދުވެރިކޮށް އަންގާފައިވާނީ ދަރިވަރުންނާއި ގުޅޭ މަސައްކަތްތަކުން އެކަހެރިވާން ކަމަށެވެ.

އެޑިއުކޭޝަނުން ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށް ރާއްޖޭގެ އެއްވެސް ސްކޫލަކަށް ނުވަދެވޭނެ ކަމަށް ނިންމާފައި އެވެ. އޭގެ ތެރޭގައި ދަރިވަރުން ނުހިމެނެ އެވެ.

އެކަމަކު ދަރިވަރުންގެ ތެރެއިން 17-12 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ކޯވިޑް-19 ވެކްސިން ދިނުމަށް ދަނީ ތައްޔާރުވަމުންނެވެ. ދަރިވަރުންނަށް ދެނީ ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް