ރައީސް ނަޝީދުގެ ހާލު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މެސެޖަށް އަދިވެސް ރިޕްލައި ނުކުރައްވާ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޖަރުމަންވިލާތަށް ވަޑައިގަތުމާއެކު، ލަސް ނުކުރައްވައި އެމަނިކުފާނުގެ ހާލުކޮޅު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙު މަަސައްކަތް...

11 Aug 2021 | 07:13

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޖަރުމަންވިލާތަށް ވަޑައިގަތުމާއެކު، ލަސް ނުކުރައްވައި އެމަނިކުފާނުގެ ހާލުކޮޅު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙު މަަސައްކަތް ކުރެއްވި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި އަހަރުގެ މެއި މަހު މާލޭގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާއެއްގައި ހަށިކޮޅަށް އެކިވަރުގެ ޒަހަމްތައް ލިބިވަޑައިގެން ކުރީގެ ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙު ވަނީ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖުގައި އެމަނިކުފާނުގެ ހާލަކީ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ އެއްސެވިއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އަދި އަދަށް ދާންދެން ވެސް އެ މެސެޖަށް ވެރިކަން ކުރާ މައި ޕާތީ އެމްޑީޕީގެ ރައީސް ނަޝީދު ޖަވާބެއް ނުފޮނުއްވައެވެ.

އަމިއްލަފުޅަށް ފޯނު ބޭނުން ކުރައްވަން ފެއްޓެވީ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ޓުވީޓެއް ކުރައްވާފައެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރަށް ވަޑައިގަތްތާ ދެ މަސްވުމާ ގާތަށް ދާއިރު މިހާތަނަށް ރައީސް ނަޝީދުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އެ މެސެޖަށް އެއްވެސް ޖަވާބެއް ލިބިވަޑައިނުގަންނަވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މީގެ ދުވަސްތަކެއް ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެކު ސިޔާސީގޮތުން ދެން ހުރެވެން ނެތްކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅާއާއި ރައީސް ޞާލިހާއި ދެމެދުގައި މައްސަލައެއް ނުޖެހޭކަމަށާއި، ނުވެސް ޖެހޭނެކަމަށެވެ. ނަމަވެސް ދެ ބޭފުޅުންގެ މެދުގައި މިހާރު ފިކުރީގޮތުން ޚިޔާލު ތަފާތުކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ޒާތީ ކަންކަމުގައި ދެބޭފުޅުން އަބަދުވެސް އުޅޭނީ އެކުގައިކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެ ބޭފުޅުންގެ އެހީ އަށް އެދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

‎ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީ ތެރޭގައި 2 ފެކްޝަން އުފެދިފައިވާކަމަށް އަޑު ފެތުރިފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް