ކަރީނާ ދަރިފުޅަށް ޖެހަންގިރް ކިޔުމުން ގޯސްވެއްޖެ، ސިކު ދީނުގެ މީހުން އުތުރު އަރަނީ

ބޮލީވުޑްގެ އެންމެ މަަގުބޫލު ދެމަފިރިން ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ހަގު ދަރިފުޅަށް ޖެހަންގިރް އަލީ ހާން ކިޔުމުން އިންޑިއާ މީހުން ރުޅިގަދަ ވެއްޖެ އެވެ. ކަރީނާ މިދިޔަ ފެބްރުއަރީ މަހުގ...

11 Aug 2021 | 06:40

ބޮލީވުޑްގެ އެންމެ މަަގުބޫލު ދެމަފިރިން ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ހަގު ދަރިފުޅަށް ޖެހަންގިރް އަލީ ހާން ކިޔުމުން އިންޑިއާ މީހުން ރުޅިގަދަ ވެއްޖެ އެވެ.

ކަރީނާ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ވިހޭ ހަގު ދަރިފުޅު ގެންގުޅުނީ ވަރަށް ފޮރުވައިގެން ނަންވެސް ހާމަ ނުކޮށެވެ.

އެހެން އުޅެނިކޮށް ނޫސްތަކުގައި ވަނީ އެ ކުއްޖާއަށް ގޭތެރޭގައި ލޯބިން މުހާތަބު ކުރަނީ ޖޭ ގެ ނަމުން ކަމަށް ބުނެ ރިޕޯޓުކޮށްފަ އެވެ. އެހެންވެ އެންމެން ހީކޮށްގެން ތިބީ މިފަހަރު ކަރީނާ ދަރިފުޅަށް ކީ ހިންދޫ ދީނުގެ ނަމެއް ކަމަށެވެ.

އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު ވަނީ ކުއްޖާގެ ނަން ރަސްމީކޮށް ކަރީނާ އާންމު ކޮށްފައި އެވެ.

ކަރީނާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު އިރު އާއި ވިހޭ ފަހުން ދިމާވި ކަންކަމުގެ މައްޗަށް ލިޔުންތެރިޔާ އަދިތީ ޝާހު ލިޔުނު “ކަރީނާ ކަޕޫރު ހާންސް ޕްރެގްނެންސީ ބައިބްލް” ގައި ވަނީ ދެމައިންގެ ފޮޓޯ އާއި އެކު އެ ކުއްޖާއަށް ކިޔަނީ ޖެހަންގިރްކަން ފަހު ސޮފްހާގައި ހާމަކޮށްފައި އެވެ. އެ ފޮތުގައި ދެން ހުރީ ތަޖުރިބާކާރުން ހިޔާލާއި ލަފަ އެވެ.

ކަރީނާ ހަގު ދަރީގެ ނަން ހާމަ ކުރުމާއި އެކު އިންޓަނެޓުގައި މީހުންތައް ދަނީ ރުޅިގަދަވެގެން އުތުރި އަރަމުންނެވެ. އެންމެ ބޮޑަށް އެ ނަމަށް ދެކޮޅު ހަދަމުން ދަނީ އިންޑިއާގެ ސިކް ދީނުގެ މީހުންނެވެ. އެމީހުން ބުނަމުން ދަނީ ކަރީނާގެ ދަރިންނަށް ދެމުންދަނީ އަނިޔާވެރިކަން އިސްކޮށްފައިވާ މީހުންގެ ނަންނަން ކަމަށެވެ.

އެގޮތުން ފުރަތަމަ ދަރި ތައިމޫރުގެ ނަން ކިޔާފައިވާ މީހަކީ ކުރިން އިންޑިއާގައި ދެ މިލިއަން ހިންދޫން މެރި މީހެއް ކަމަށެވެ. އަދި ދެވަނަ ދަރި ޖެހަންގިރް ކިޔާ މީހާއަކީ ސިކް ދީނުގެ ގުރޫ އަރްޖުން މަރާލި މީހާ ކަމަށް ބުނެފައިވެ އެވެ.

ޖެހަންގިރަކީ އިންޑިއާގެ ކުރީގެ މުސްލިމުންގެ ވަރުގަދަ ރަސްކަލަކަށް ކިޔާ ނަމެކެވެ. އެ ނަމުގެ މާނައަކީވެސް ދުނިޔޭގެ ރަސްގެފާނެވެ.

ތައިމޫރުގެ ނަމުގެ މާނައަކީ ދަގަނޑު މީހާ ނުވަތަ ވަރުގަދަ މީހާ އެވެ.

ކަރީނާ އާއި ސައިފް އަކީ ކުދިންނަށް ނަން ކިޔުމުގައި ވަރަށް ކަންކަމަށް ބަލާ ދެމީހުންނެވެ. ސައިފްގެ ޝަރުތަކީ ކުއްޖާއަށް މުސްލިމް ނަމެއް ކިޔުން ކަމަށް ވާއިރު ކަރީނާ ބޭނުންވަނީ ވަރުގަދަ ޝަހުސިއްތަތުތައް ދައްކުވައިދޭ ފަދަ މާނަ ހުންނަ ނަންނަން ކިޔާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް