ހދ. ހިރިމަރަދޫ ސްކޫލްގައި ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސްފި އެވެ.
އިއްޔެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު އިރު ބެލެނިވެރިން އެއްވެސް ދަރިވަރަކު ސްކޫލަށް ފޮނުވާފައެއް ނުވެ އެވެ. އެ ރަށުން ވާހަކަ ދެއްކި މީހުން މީޑިއާގައި ބުނީ ދަރިވަރުން ސްކޫލަށް ނުފޮނުވީ ގިނަ މައްސަލަތަކެއް ސްކޫލްގައި ހުރި އިރު އެކަން އާ އަހަރު ފެށުނު އިރުވެސް ހައްލު ކޮށްފައި ނުވާތީ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޒްދާ މުހައްމަދު ވިދާޅުވީ ހިރިމަރަދޫ ސްކޫލްގެ ކަންކަން ބެލުމަށް އެ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އެ ޓީމުން ހިރިމަރަދޫ ސްކޫލްގައި ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަންނާނެ ކަމަށް އަޒްދާ ވިދާޅުވި އެވެ.
ހިރިމަރަދޫ ސްކޫލްގެ ބައެއް ބެލެނިވެރިން މީޑިއާގައި ބުނީ ސްކޫލްގެ ޕްރިންސިޕަލަކީ ބިދޭސީއަކަށް ވުމުން ޓީޗަރުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށެވެ. އަދި ސްކޫލްގައި ހުރި ބައެއް ކަންކަން ރަނގަޅު ކުރަން ބެލެނިވެރިން އެދުނު ނަމަވެސް އާ ދިރާސީ އަހަރު ފެށުނު އިރު ސްކޫލްގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްފައި ނުވާއިރު އާބާތުރަވެސް ފިލުވާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައްވެސް ހަމައަށް ލިބިފައި ނުވާ ކަމަށް ބުނެ އެވެ.
ބެލެނިވެރިން އާ އަހަރާއި އެކު ސްކޫލަށް ދަރިވަރުން ނުފޮނުވީ ކިޔަވައިދޭން ސްކޫލް ތައްޔާރުވެފައި ނެތުމާއި ކިޔަވައި ދިނުމުގެ އިންތިޒާމްތައްވެސް ހަމަޖައްސާފައި ނުވާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް