އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ނިޔ...

11 Aug 2021 | 05:36

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކުރިން މައްސަލަތައް ހުށަހެޅުމުގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މި ހިނގާ އޯގަސްޓް 13 ވަނަ ދުވަހެވެ.

އެހެންނަމަވެސް ރަސްމީ ބަންދުގެ ގިނަ ދުވަސްތަކެއް އައުމުން, މައްސަލަ ހުށަހެޅޭ މުއްދަތު މިވަނީ އިތުރުކޮށްފަ އެވެ.

އެ އޮފީހުން އޯގަސްޓް 6 ވަނަ ދުވަހު ބުނެފައިވަނީ މިހާތަނަށް 124 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ އޮފީހުން ބަލަނީ 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ޑީޖީ އަޙްމަދު ޔާމީން ވިދާޅުވީ, ފާއިތުވެދިޔަ ދެ ދުވަހު ވެސް އެ އޮފީހަށް މައްސަލަ ހުށަހެޅުނު މިންވަރު އިތުރުވެގެން ހިނގައްޖެ ކަމަށެވެ. އަދި މިކަމުން ވެސް އަންގައިދެނީ އެ އޮފީހަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ކަމަށެވެ.

އެ އޮފީހުން ބުނީ މައްސަލަ ހުށަހެޅުމުގެ 70 ފޯމާއި ބަދަލު ހޯދުމަށް އެދި 54 ފޯމު މިހާ ތަނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަދަނީ 107 މައްސަލައާއި ޖިނާއީ 17 މައްސަލަ ހިމެނޭ ކަމަށް ވެއެވެ.

މައްސަލަ ހުށަހަޅާ މީހުންނަށް މައްސަލަ ލިބުނު ކަމުގެ ލިޔުން ހަވާލުކުރަމުންދާކަން ފާހަގަކުރައްވައި, އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ ޕަބްލިކް ރިލޭޝަންސް އެގްޒެކްޓިވް ޢާއިޝަތު ފަތުޙީ ވިދާޅުވީ, 87 މީހަކަށް ލިޔުން ހަވާލުކޮށްފައިވާ ކަމަށާއި މައްސަލަ ރަޖިސްޓަރީ ކުރިކަމުގެ 39 ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ މައްސަލަތައް ބަލާއިރު އެއީ އޮފީހުގެ މެންޑޭޑްގެ ތެރޭގައި ހިމެނޭ މައްސަލައެއްތޯ ބަލާ ކަމަށާއި މައްސަލާގައި ހެކި ލިބިފައި ހުރި މިންވަރަށް ވެސް ބަލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް