މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ މައްޗަންގޮޅީ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި އެވެ.
މި އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެރޭ ބޭއްވި މި ބައްދަލުވުން އޮތީ ކުރީގެ ޖަމާލުއްދީން ސްކޫލުގެ ހޯލުގަ އެވެ.
މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭން ހުށަހެޅުއްވި އެވެ. އަދި މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢުތައް ތަފްޞީލްކޮށްދެއްވި އެވެ.
ޚާއްޞަކޮށް މައްޗަންގޮޅިއަށް ހުރި މަޝްރޫޢުތައް ހާމަކުރައްވާ މަގުހެދުމުގެ މަޝްރޫޢުތަކާއި ބިން ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ޕާކިންގ މައްސަލަތަކުގެ ވާހަކަތައް ވަނީ ހިއްސާކުރައްވާފަ އެވެ.
މައްޗަންގޮޅީގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައިސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވި އެވެ.
މޭޔަރގެ އިތުރުން މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރ އަޙުމަދު ޟަމީރު މި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރެއްވި އެވެ.
ބައްދަލުވުންތައް ތާވަލުކުރެވިފައިވާގޮތުން ދެން އެންމެ އަވަހަށް އޮންނާނީ މާފަންނު ބައްދަލުވުމެވެ. މާފަންނު ބައްދަލުވުން އޮންނާނީ 12 ވަނަ ދުވަހުގެރޭ 8:30 ގަ އެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހުގެރޭ 8:30 ގައެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ 22 ވަނަ ދުވަހުގެރޭ 8:30 ގަ އެވެ. މި ބައްދަލުވުންތައް އޮންނަ ތަން ފަހުން އިޢުލާންކުރެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް