މެސީ ޕީއެސްޖީ އަށް ކުޅޭނީ 30 ނަމްބަރު ޖަރޒީގައި!

ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަށް ދުނިޔޭގެ އެންމެ ހުނަރުވެރި އަދި ނުފޫޒުގަދަ ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ކުޅޭނީ 30 ނަމްބަރު ޖާރޒީގައިކަން ހާމަވެއްޖެ އެވެ. ދެ އަހަރުގެ އެގްރިމެންޓެއްގައި...

11 Aug 2021 | 04:59

ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އަށް ދުނިޔޭގެ އެންމެ ހުނަރުވެރި އަދި ނުފޫޒުގަދަ ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ކުޅޭނީ 30 ނަމްބަރު ޖާރޒީގައިކަން ހާމަވެއްޖެ އެވެ.

ދެ އަހަރުގެ އެގްރިމެންޓެއްގައި މެސީ، ޕީއެސްޖީއަށް ސޮއިކޮށްފައި ވާއިރު، ޕީއެސްޖީއަށް މެސީ ބަދަލުވިކަން ހާމަކޮށް އެ ކުލަބުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

މި ވީޑިއޯގައި ފެންނަ ގޮތުން އެ ކުލަބުގައި މެސީ ބޭނުންކުރާނީ 30 ނަންބަރު ޖާރޒީ އެވެ. އެއީ ބާސެލޯނާއަށް މެސީ ކުޅުނު އިރު އެންމެ ފުރަތަމަ ބޭނުންކުރި ޖާރޒީ ނަންބަރެވެ.

މެސީ، ބާސެލޯނާގައި ކުޅެމުން އައި 10 ނަމަބްރު ޕީއެސްޖީ އިން ލިބެން ނެތީ އެ ނަމްބަރަކީ އެ ޓީމުގެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ މިހާރުކުޅެމުން އަންނަ ނަމްބަރަށް ވާތީ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން 10 ނަމްބަރު ޖާރޒީ މެސީއަށް ދިނުމަށް ނޭމާ ތައްޔާރަށް ހުރިނަމަވެސް މެސީ ވަނީ އެ ނަންބަރު ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

ޕީއެސްޖީގެ 30 ނަންބަރަކީ މީގެކުރިން އެ ޓީމުގެ ކީޕަރުންނަށް ޚާއްސަކޮށްފައިވާ ނަންބަރެކެވެ.

https://twitter.com/PSG_English/status/1425196979408281604

ބައިނަލްއަގުވާމީ ކުޅިވަރު އެޖެންސީތަކުގެ ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ ރަސްމީކޮށް ދައްކާލަނީ ބުދަދުވަހު އެވެ. އެ ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ކުރިޔަށްދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕީއެސްޖީއާއި އެކު މެސީ ސޮއިކޮށްފައިވަނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއް ކަމަށް އެ ކުލަބުން ބުނެ އެވެ. އެއީ އެއްބަސްވުން އިތުރު އެއް އަހަރަށް އާކުރުމުގެ ފުރުސަތާއެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް