އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ.
މި އޮގަސްޓް މަހުގެ 3 ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.
އެދުވަހުގެ ޖަލްސާއަށް 66 މެންބަރުން ވަޑައިގަންފައިވާއިރު، މި ބިލަށް ތާޢީދު ކުރެއްވީ 60 މެންބަރުންނެވެ.
އެ އިސްލާހު ރައީސް ޔާމީން މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން ޓްރެފިކު ކުށްތަކުގައި ކޮށްފައިވާ ޖޫރިމަނާ މައާފުވެގެން ދާނެ އެވެ.
އިސްލާހުގައި ބުނެފައި ވަނީ ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ލައިސަންސް އޮވެގެން ނުވަތަ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ނުވަތަ އެއްވެސް ސަބަބަކާ ހުރެ ލައިސަންސް ހިފަހައްޓައިގެން ޖޫރިމަނާ ކޮށްފައިވާ ޖޫރިމަނާ ފައިސާ މައާފުވާނެ ކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހުގައި ވަނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށް ޓަކައި މިނިސްޓްރީ އިން ނުވަތަ މިނިސްޓްރީ އިން ކަނޑައަޅާ ފަރާތަކުން ޕާކް ކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި ވެސް އެއްގަމުގައި ދުއްވާ އުޅަނދެއް މެދުކެނޑުމެއްނެތި ބޭއްވޭނީ އެންމެ ގިނަވެގެން 7 ދުވަހުގެ މުއްދަތަށް ކަމަށެވެ.
އެފަދަ އުޅަނދެއް އެތަނަކުން އެ މުއްދަތުގެ ތެރޭގައި ނުނަގައިފި ނަމަ އެ އުޅަނދެއް ނެގުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ.
އެ އުޅަނދެއް ނަގާތާ 24 ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއްގެ މައުލޫމާތު ފެންނާނެ ގޮތަށް އާންމު ކުރަން ޖެހެ އެވެ. އަދި އެ އުޅަނދުގެ ވެރިފަރާތަށް އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުހުލަތެއް ދޭން ޖެހެ އެވެ.
އެ މުއްދަތުގެ ތެރޭގައި އުޅަނދެއް ނުގެންގޮސްފި ނަމަ އެ އުޅަނދެއް ނައްތާލުން ނުވަތަ އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި އުޅަނދު ވިއްކާލުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.
އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ޓުރެފިކު ކުށްތަކަށް ކޮށްފައިވާ ޖޫރިމަނާ ފައިސާ މިއަދު މައާފުވެގެން ދިޔަ ނަމަވެސް މިއަދުން ފެށިގެން ޓުރެފިކު ކުށްތަކަށް ކުރަން ޖެހޭ ޖޫރިމަނާ ކުރެވޭނެ އެވެ.
މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް