17 އަހަރުގެ ފިރިހެން ކުއްޖަކު ހިފަހައްޓައި ހަދަމުންދާ އިމާރާތެއްގެ ތެރެއަށް ވެއްދުމަށްފަހު ފޭރުނު މީހަކު މަސްތުވާތަކެއްޗާއެކު އަތުލައިގަނެފިއެވެ.
ފުލުހުން ހާމަކުރައްވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
ފުލުހުން ބުނީ ރޭ 19:00 ހާއިރު ޖަނަވަރީމަގުން ހިނގާފައި ދިޔަ ކުޑަކުއްޖެއްގެ އަތުން މޯބައިލް ފޯނަކާއި، އަތުކުރީ ގަޑިއެއްގެ އިތުރުން ފައިސާ ފޭރިގަންފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ 22:00 ހާއިރުކަމަށާއި ފޭރުނުކަމަށް ތުޙުމަތު ކުރެވޭ މީހާ ހޯދުމަށް ގަލޮޅު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުން ކުރި މަސައްކަތުން އޭނާ އަތުލައިގަނެފައި ވަނީ ރޭ 23:00 ހާއިރު މަޖީދީމަގައި ހުންނަ ވަތަނިއްޔާ ހެޑް އޮފީސް ކައިރިންކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާގެ އަތުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 04 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 33 ފަހަރު ހުއްޓުވައި ސުވާލުކޮށް 19 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 10 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގިނަ އަދަދެއްގެ ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއްކަމަށާއި މި މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް