މަސްތުވާތަކެއްޗާއެކު 3 މީހަކު ލ. މާވަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލ. މާވަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތަކަކާއެކު 3 މީހަކު ލ. މާވަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ހާމަކ...

11 Aug 2015 | 08:31

ލ. މާވަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތަކަކާއެކު 3 މީހަކު ލ. މާވަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރައްވާ ގޮތުގައި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 23 އަހަރުގެ ދެ ފިރިހެނުންނާއި 20 އަހަރުގެ ފިރިހެނެއްކަމަށާއި މި ތިން މީހުންނަކީވެސް ދިވެހިންކަމަށެވެ. މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލ. މާވަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެރޭކަމަށެވެ.

މިމީހުންގެ ތެރެއިން 20 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާވަށު ފަޅު ގޯއްޗެއްގައި މަސްތުވާތަކެތި ފޮރުވާފައިވާކަމަށް ފުލުހުން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ފާރައަށް ތިއްބައި އެގޯތި ތެރެއަށް ވަތްތަނުންނެވެ. އަދި އޭނާ އެގޯތިތެރެއަށް ވަތްތަނުން ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން އެއްލާލި ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވާކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އިތުރަށް ފުލުހުން ހާމަކުރެއްވި ގޮތުގައި 23 އަހަރުގެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ސައިކަލެއްގައި ދަނިކޮށްކަމަށާއި މިދެމީހުން ސައިކަލުގައި ދަނިކޮށް ހުއްޓުވުމުން އެއްލާލި ސްޕާރީ ޕެކެޓެއް އެމީހުންގެ ޙާޒިރުގައި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ. އެގޮތުން  20 އަހަރުގެ މީހާއަށާއި 23 އަހަރުގެ އެކަކަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަނެއް މީހާއަށް ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ލ. މާވަށު ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުޤީޤު ކުރަމުން ދާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް