ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރުކުރުން މުހިންމު: ރައީސް

ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރުކުރުމުގެ މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން އިލްތިމާސްކުރެއްވީ، މިއަދު ފާހަގަކުރަމ...

11 Jul 2025 | 11:07

ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރުކުރުމުގެ މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން އިލްތިމާސްކުރެއްވީ، މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ވަނީ ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށިވަމުންދާއިރު، މުސްތަގުބަލުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރުކުރުމުގައި ދިވެހި ޒުވާނުންގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

އެގޮތުން މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރު ކޮށްދިނުމާއި، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

"ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުމާއި، ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭހެން، ޒުވާނުންނަށް ފަހި ވެއްޓެއް ބިނާކޮށްދެއްވުމަށް އަދުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަން، ދެއްވާ" ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

ރައީސްގެ މެސެޖުގައި ވަނީ ދަރިމައިވުމާއި ގުޅުންހުރި ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކައުންސެލިންގްއާއި، ވަށާޖެހޭ ފުރިހަމަ ޞިއްޙީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދުރުރާސްތާއަށް ރޭވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ޤައުމީ ޙަޤީޤަތްތައް ދައްކުވައިދޭ، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ޤައުމު ތައްޔާރުކުރަނިވި، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް