ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.
"ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު އުތުރާއި މެދުރާއްޖޭގައި ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާކަމަށްވެސް މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް