ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު ދެ ސްކޭމެއްގެ މައުލޫމާތު، ސްކޭމަރުންގެ ލޭޔަރުތަކުގައި 200އެއްހާ މީހުން

ބޮޑު ދެ ސްކޭމެއްގެ މައުލޫމާތު މިއަދު ފުލުހުން ހިއްސާކޮށްފިއެވެ. އެއީ ފަސް ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމަކާއި 1.9 މިލިޔަން ރުފިޔާގެ ސްކޭމެކެވެ. މި ދެ ސްކޭމާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ފުލުހުނ...

11 Jul 2024 | 10:05

ބޮޑު ދެ ސްކޭމެއްގެ މައުލޫމާތު މިއަދު ފުލުހުން ހިއްސާކޮށްފިއެވެ.

އެއީ ފަސް ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމަކާއި 1.9 މިލިޔަން ރުފިޔާގެ ސްކޭމެކެވެ.

މި ދެ ސްކޭމާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ފުރަތަމަ ސްކޭމަކީ އާއްމު ފަރުދަކަށް ގުޅައިގެން މަކަރާ ހީލަތުން އީމެއިލް ހޯދައިގެން ސިމް އީސިމް އަކަށް ބަދަލުކޮށްގެން އިންޓަނެޓް ބޭންކިން މައުލޫމާތު ކޮމްޕްރޮމައިޒްކޮށްގެން ނެގި ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ކަމަށެވެ. އެގޮތުން އޭނާގެ އެކައުންޓުން 25 ހާސް އަދި އޭނާއާއި ގުޅުންހުރި ޖަމިއްޔާއެއްގެ އެކައުންޓުން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ސްކޭމަރުން އަތުލައިގަތް ކަމަށެވެ.

މި ސްކޭމާއި ގުޅޭގޮތުން ފުލުހުން ބުނީ އެކި ލޭޔަރުތަކުގައި މަދު ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ ދައުރުކުރަމުންގޮސް ރަށްރަށުގެ އޭޓީއެމްތަކުން ފައިސާ ނެގުމާއި ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކާއި ވިޔަފާރީގެ މުއާމަލާތްތައް ހިމެނޭހެން މި ސްކޭމްގައި 36 ރަށަކުން 50 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.

ދެވަނަ ސްކޭމަކީ ވިޔަފާރީގެ މުއާމަލާތަކަށް ވެންޑަރ ރަޖިސްޓްރޭޝަނަށްކަމަށްބުނެ އޮޅުވާލައިގެން މައުލޫމާތުތަކެއް ހޯދައި އިތުރަށް ކޮމްޕްރޮމައިޒްކޮށް އޭނާގެ އެކައުންޓުން 25 ހާސް އަދި އޭނާއާއި ގުޅޭ ވިޔަފާރި އެކައުންޓަކުން 1.9 މިލިޔަން ރުފިޔާ ފޭރިގަތް މައްސަލައެކެވެ. މި ސްކޭމްގައިވެސް ފަސް މިނެޓާއި 10 މިނެޓާއި ދެމެދުގައި ފުރަތަމަ ލޭޔަރުގައި 50 ވަރަކަށް މީހުންގެ މެދުގައި ބަހާލެވި އޭޓީއެމްތަކުން ފައިސާ ނަގައި އަދި އިތުރު އެތައް ލޭޔަރެއްގައި ފައިސާ ދައުރުކޮށްފައިވާކަމަށެވެ.

މި ދެ ސްކޭމާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާކަމާއި އެތައް ބައިވަރު އެކައުންޓެއް ފްރީޒް ކުރެވިފައިވާކަމާއި އަދި ހަމަ އެހެންމެ އެތައް އެތައް ފޯނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި އަދި އެތައް ބޭންކް ސްޓޭޓްމަންޓްތައް ނެގި އެތައް ގަޑިއިރެއްގެ ސީސީޓީވީ ފުޓޭޖް ބެލިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި މި ސްކޭމްތަކުން ކޮންމެވެސް މިންވަރެއްގެ ފައިސާތަކެއް އަނބުރާ ހޯދިފައިވެސް ވެއެވެ. އަދި ފްރީޒް ކުރެވިފައިވާ އެކައުންޓްތަކުގައިވެސް މި ދެ ސްކޭމާއި ގުޅޭ ފައިސާތައް އެބަ ހުއްޓެވެ. އަދި ޖަލު ގޮޅިތަކެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި އަތުލައިގެނެވުނު ކަމަށާއި މި ދެ އޮޕަރޭޝަނުގައި 150 އަށްވުރެ ގިނަ ފުލުހުން އެކްޓިވްކޮށް ބައިވެރިވެ އަދިވެސް ތަހުގީގު ކުރިއަށްދާކަން ފުލުހުން ފާހަގަކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް