ވާހަކަ: ޑައިރީ – ހަތާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "އެކަމަކު މާބޮޑަށް ގޯސްވަންޏާ ބުނައްޗޭ...!" ކުރިއަށް ހިނގައިގަންނަމުން ރާއިފު ބުނެލިއެވެ. ރާއިފުން ދިރިއުޅޭ ސަރަޙައްދަކީ ހުޅުމާލޭ ދެވަނަ ފޭސްއާއި ވަރަށް ކައިރި ސަރަޙައްދަކަށްވާ...

11 Jul 2024 | 06:19

ކުރީގެ އަދަދާއި ގުޅޭ...

"އެކަމަކު މާބޮޑަށް ގޯސްވަންޏާ ބުނައްޗޭ...!" ކުރިއަށް ހިނގައިގަންނަމުން ރާއިފު ބުނެލިއެވެ.

ރާއިފުން ދިރިއުޅޭ ސަރަޙައްދަކީ ހުޅުމާލޭ ދެވަނަ ފޭސްއާއި ވަރަށް ކައިރި ސަރަޙައްދަކަށްވާތީ، އެމީހުން ހިނގަމުންދިޔައީ ހުޅުމާލޭ ދެވަނަ ފޭސްއާއި ދިމާއަށެވެ.

"ކަސްރަތަށްދާ ގިނަ މީހުން އެކޮޅުގައި އުޅޭނީ...! އެހިސާބަށް ހިނގާފައި ދެވޭނެތަ....؟" ހިނގަމުން ހިނގަމުން ރާއިފު ސުވާލު ކުރިއެވެ.

"ދެވޭނެ....! އެހާ ދުރެއް ނޫނެއްނު....! ނިންމާލާފަ އެކޮޅުން ސައިވެސް ބޮއިގެންދޯ އަންނާނީ.....! ހިނގާލީމަ ހުންނާނީ ވަރަށް ބަނޑުހައި ވެފައި...! ވަރަށް ގިނަދުވަސް ވެއްޖެ ހުނިރޮށި ކާހިތްވާތާ....!" ރާއިފުގެ އަތުގައި ހިފަހައްޓާލަމުން އައިލީން ބުނެލިއެވެ.

"އާނ....! ތިއީ ވަރަށް ރަނގަޅު ގޮތެއް....! މިދުވަސްކޮޅު ރަނގަޅަށް ކާންވާނެ....!" އެއްބަސްވުމުގެ ގޮތުން ރާއިފުވެސް ބުނެލިއެވެ.

އައިލީންމެން ދިޔައީ ދެވަނަ ފޭހުގެ އެންމެ ބޭރުގައި މޫދާ ދިމާލުގައި އޮންނަ ސަރަޙައްދަށެވެ. އޭރު ކަސްރަތުކުރާ މީހުން އެމީހުންގެ އަރާމު ނިދި ޤުރުބާންކޮށްފައި ކޮޅުކޮޅަށް ހިނގުމާއި، ދުވުމުގައި މަސްއޫލްވެ އުޅެއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހެއްގެ ހަށިގަނޑު ރީތު ކުރުމަށްޓަކައި އެމީހަކަ ކުރެވުނު ކަމެއް ކުރާށެވެ.

"އެކިއެކި އުމުރުފުރައިގެ ހާދަ މީހުނެއް މިތަނަށް ކަސްރަތު ކުރަން އާދެއޭ ދޯ....؟" އައިލީންވެސް ހިނގަމުން ވާހަކަ ދެއްކިއެވެ.

"އާނ...! މިޒަމާނުގައި އެންމެވެސް ބަލާނެ ފިޓްކޮށް ރީތިކޮށް ތިބެވޭތޯ...! މިހާރު ބަނޑެއް ލާފަހުރެއްޖިއްޔާ އެބަނޑު ހިންދާލެވޭތޯ ކޮންމެ މީހަކުވެސް މަސައްކަތް ކުރާނެ....! އަހަރުމެންނާ ކައްނެތްވެފަ އެކަހަލަ އެއްވެސް ކަމެއް ނުކޮށް މިތިބެނީ....! މަށަށް ފެންނަނީ އައިލިންގެ ތި ބަނޑުވެސް ހިންދާލަން...." އައިލީންގެ ބަނޑުގައި އަތްޖައްސާލުމަށްފަހު ސަމާސާ ރާގަކަށް ރާއިފު ބުނެލިއެވެ.

"ދެން މާމަޖަލެއް ނޫން އިނގޭ...! މަލާމާތެއްތަ ތިކޮށްލީ....؟ އަހަރެން ބަނޑުބޮޑުވީމަ ހަޑީތަ...؟ އައިލިން ސީރިއަސްވެފައި ވާހަކަ ދެއްކިއެވެ.

"އައްދޭ...! އަހަރެން މަޖަލަކަށޭ އެހެން މިބުނީ....! ހިތްހަމަ ނުޖެހުނީތަ...؟ މިހާ ދުވަސްވީއިރު ވެސް މަށަކަށް އައިލީން ދަހެއްނުވިތާ...! ބަނޑުބޮޑުވީމާ ބައެއް މީހުން މިޒާޖަށް ވަރަށް އަވަހަށް ބަދަލު އަންނާނެ....! ކޮބާތަ ދެން މިހާރު އައިލީން ހިތްހަމަޖެހޭ ކަންކަމާ، ހިތްހަމަނުޖެހޭ ކަންކަމަކީ.... އަހަރެން ބޭނުން އެކަންކަން އިނގެން.... އޭރުންތާ އެކަހަލަ ކަންތައްތައް އަހަންނަށް ކުރިއަށް އޮތް ތާނގައި އިސްލާޙް ކުރެވޭނީވެސް.... އަހަރެން ބޭނުމެއްނޫން ތިހާލުގައި އައިލީން އިންދާ އައިލީން ދެރަވާ ކަހަލަ ނޫނީ ނުރެހޭ ކަހަލަ އެއްވެސްކަމެއް ކުރާކަށް....!" އަނެއްކާވެސް ރާއިފު ވާހަކަ ދެއްކީ ސަމާސާ ރާގަކަށެވެ.

"ހޫން ދެން އެންމެ ރަނގަޅޭ...! ހިނގާ އެދިމާ ތޮށިގަނޑު މަތީ ހިނގާލަން...! ގާތައް މައްޗަށް އެރީމަ ވަރަށް އަރާމުވާނެ...! ވަރަށް ފިނި ވައިވެސް ޖެހެއެއްނު އެބަ....!" އެއްފަރާތައް އިނގިލި ދިއްކޮލަމުން އައިލީން ބުނެލިއެވެ.

އެއީ ވަރަށް ފިނި ފަތިހެކެވެ. ވައިގަދަ ރާޅުބޮޑު ވަގުތެކެވެ. ބައެއް ފަހަރު އެދިމާއިން ތޮށިގަނޑު މައްޗަށްވެސް ރާޅު ޖަހަމުން ދިޔައެވެ. އެހެން ނަމަވެސް އައިލީން ގޮސް މަޑުމަޑުން ތޮށިގަނޑު މައްޗަށް އެރިއެވެ.

"މަޑުމަޑުން ބަލައިގެން އަރާތި....! ތެމިފަ އޮތީމަ ހީވަނީ ތިތަން ވަރަށް ކައްސާނެހެން....! އައިލީންގެ ފަހަތުން ތޮށިގަނޑު މައްޗަށް އަރަމުން ރާއިފު ބުނެލިއެވެ.

ބަލައިގެންނޭ މިއަރަނީ....! ފެހިޖަހާފަ އޮތީމަ ކަންނޭނގެ ކުޑަކޮށް ކައްސާ އެބަ...!" ތޮށިގަނޑުމަތީގައި މަޑުމަޑުން ހިނގަމުން އައިލީން ބުނެލިއެވެ.

"އެހެންވެޔޭ މިބުނީ ބަލައިގެން އުޅޭށޭ...! އެހާ ބާރަށްނުދޭބަލަ....!" އައިލީން އަތުގައި ހިފަމުން ރާއިފު ބުނެލިއެވެ.

"އަސްލު، އަހަރެން ބުނަންތަ ވާހަކައެއް...." އެކަމަކު ރުޅިނާންނާތި....! އައިލީން ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.

"ހޫނ....! ރުޅިއެއް ނާންނާމޭ.... ބުނެބަލަ...! އަވަހަށް ބުނޭ...!" އައިލީން ބުނަން އުޅޭ އެއްޗެއް އަޑުއެހުމުގެ ޝައުޤުވެރިކަން ހުރިވަމުން ރާއިފު އަވަސް އަވަހަށް ބުނެލިއެވެ.

"ޔަޤީންތަ ރުޅި ނާންނާނެ ކަން...! އޭރުން މިވާހަކަ ބުނެވޭނީ...! ރުޅިއަންނަންޏާ މިވާހަކައެއް ނުދައްކާނަން....!" އަނެއްކާވެސް އައިލީން ބުނެލިއެވެ.

"އާނއެކޭ... ޔަޤީން ކޮންމެ ވާހަކައެއް ބުންޏަސް ރުޅިއެއް ނާންނާނެ...! ދެން މަ ނުތަޅުވަ ތިވާހަކައެއް އަވަހަށް ބުނެބަލަ....!" ރާއިފު ހިނގުން ހުއްޓާލުމަށްފަހު ބުނެލިއެވެ.

"އަސްލު އަހަރެން ވަރަށް ގިނަ ދުވަސް ވެއްޖެ މި ވާހަކަ ރާއިފުއަށް ސިއްރުކުރާތާ... އެކަމަކު ރޭގަ ދެކެވުނު ވާހަކަތަކުން ހިތަށް އެރީ ދެން މިހާރު މި ވާހަކަ ދައްކަންވިއްޔޭ....! ނާޝިދު ކުރިކަހަލަ ޝަކުވާއެއް މަގޭވެސް އެބައޮތް....! ނާޝިދު އެބުނާ ކަހަލަ އުފަލެއް އަސްލު އަހަންނަކަށްވެސް ނުލިބޭ...! އެފަދަ ވަގުތުތަކުގައި އަހަރެންގެ އަމަލުތައް ހުންނަގޮތުން އަހަންނަށް އެކަމުގައި އުފާ ނުލިބޭކަން ފަހަރެއްގައި ރާއިފުއަށް އިޙްސާސް ކުރެވިފަވެސް ހުރެދާނެ....! އަހަރެން ބޭނުން ދެމީހުން އެކީ އުފާވެރި ދިރިއުޅުމެއް އުޅެން....! އަހަރުމެންނަށްވެސް މިހާރު ކުއްޖަކު ލިބެން މިއުޅެނީ....! އެހެންވީމާ އަހަރުމެންގެ ކައިވެންޏަށް އެއްވެސް ބުރުލެއް ނާރަ ކައިވެނި ސަލާމަތް ކުރަން އަހަރެން ބޭނުން....!" ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.

އެވަގުތު ތޮގަނޑުމަތިން ކުއްލިއަކަށް އައިލީންގެ ފައި ކައްސާލިއެވެ. އައިލީން ދައްކަމުން ދިޔަ ވާހަކަތަކަށް ގެއްލިފައި ރާއިފު ހުއްޓާ ރާއިފަށް ފެނުނީ އައިލީން އަރިއަޅާލައިގެން ވެއްޓެން ދަނިކޮށެވެ. ރާއިފު އައިލީންގެ ގައިގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދަނިކޮށް އައިލިން ތޮށިގަނޑުމަތިން ގާތަކުގެ ތެރެއަށް ގޮސް އަނގަވަތަށް ވެއްޓުނެވެ. އަދި ވެއްޓި ޖެހުނުލެއް ބާރުކަމުން އައިލީން އޮތީ ހޭނެތިފައެވެ. ރާއިފު ގާތަކުގެ ތެރެއިން އައިލީން ނެގިއިރު ނިތްކުރިން ދެތަން ފަލައިގެންގޮސް ލޭއަންނަމުން ދިޔައެވެ. އެވަގުތު އެތަނުގައި ކަސްރަތު ކުރަން އުޅުނު އިތުރު ދެތިން މީހުން އައިސް އައިލީން ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި އެހީތެރިވެ ދިނެވެ.

ވޭންދެނިވި، ހިތާމަވެރި ދެތިން ދުވަހަކަށްފަހު މަޑުމަޑުން އައިލީންގެ ހާލަތު ރަނގަޅުވަމުން އައެވެ. އައިލީން ރަނގަޅުވަމުން ދިޔަ ކަމުގައިވިޔަސް އައިލީން އަށާއި، ރާއިފު އަށްވަނީ ކެތްކުރަން ދަތި ހިތްދަތި ކަމެއް ލިބިފައެވެ. އައިލީންގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތް ކުރުމުގެ ފުރުޞަތު ޑޮކްޓަރުންނަކަށް ނުލިބުނެވެ. އަދި އިތުރު ކުއްޖަކު ލިބުމުގެ ފުރުޞަތުވެސް އައިލީންއަށްވަނީ ގެއްލިފައެވެ. އެހެން ނަމަވެސް އެދަނޑިވަޅުގައި ރާއިފުގެ ލޯބި އިތުރުވެގެން ދިޔައެވެ. ރާއިފު މުޅިން ބަދަލުވި ކަހަލައެވެ. މީގެ ކުރިން ރާއިފުއަށް ކުރެވިފައިވާ ހުރިހާ ކުށަށް އިޢުތިރާފު ވާން އޭނަ ބޭނުންވިއެވެ. ހިނދުކޮޅަކަށްވެސް އައިލީންއާ ދުރަށްދާކަށް ރާއިފު ބޭނުމެއް ނުވިއެވެ. ހުރިހާ ވަގުތެއް ހޭދަކުރަމުން ގެންދަނީ ހޮސްޕިޓަލުގައި އައިލީން ގާތުގައި އައިލީން ފެންނަ ހިސާބުގައެވެ.

އައިލީން ނުފެނިގެން ތެޅިފޮޅެމުން ގެންދަނީ މިފްޒާލް އެވެ. އައިލީންގެ ފޯނު ނިއްވާލާފައި އޮތުމުން އަނެއްކާވެސް އައިލީންގެ އޮފީހަށް މިފްޒާލް ގުޅިއެވެ. އެތައް ފަހަރަކު ގެއަށް ގުޅިއެވެ. އެންމެފަހުން އައިލީން ހޯދަން ކުރި މަސައްކަތުން އައިލީން ބަލިވެގެން ހޮސްޕިޓުގައި އެޑްމިޓް ކޮށްފައިވީ ކަމަށާއި، އެޑްމިޓް ކޮށްފައި އޮތީ ހޮސްޕިޓަލުގެ ކޮން ރޫމެއްގައިކަން ބުނެދިނީ އައިލީންގެ އޮފީހުގައި މަސައްކަތްކުރާ މީހެކެވެ. ދެން މިފްޒާލް ގަސްދުކުރީ އައިލީން އޮތް ކޮޓަރީގެ ނަންބަރު ހޯދައިގެން އައިލީންއަށް ފޯނު ކުރިއެވެ.

"ކިހިނެތްވީ....؟" އައިލީން ފޯނު ނެގުމާއެކު މިފްޒާލް ސުވާލު ކޮށްލިއެވެ.

އެވަގުތަކީ ރާއިފު ފާހާނާއަށް ވަން ވަގުތެވެ.

"ކީއްކުރަން މިތަނަށް ތިގުޅީ...؟ އަހަރެން ބޭނުމެއް ނޫން ވާހަކަ ދައްކާކަށް....!" ހިތްހަމަ ނުޖެހިފައި އައިލީން ވާހަކަ ދެއްކިއެވެ.

"ކީއްކުރަންހޭ....؟ އައިލީން އަށް ހާދަފަސޭހައޭ ދޯ ތިހެން ބުނެލަން...! ކިތަން ދުވަސްވެއްޖެ މިހާރު ޚަބަރެއް ނުވާތާ....! އައިލީން ހޯދަން ކިހާ ބުރަ މަސައްކަތެއް އަހަރެން މިކުރީ...! ކިހާބުރަ މަސައްކަތެއް ކޮށްގެން މިއެނގުނީ އައިލީން ހޮސްޕިޓަލުގައި އޮތްކަންވެސް....!" ރާއިފު އެއްފަހަރާ އެތައް ވާހަކައެއް ދެއްކިއެވެ.

"ކީއްކުރަންހޭ ތިގުޅީ...؟" އަނެއްކާވެސް އައިލީން ސުވާލު ކުރިއެވެ.

"ލޯބިވާތީ....! އައިލީން ބަލިވެ ހޮސްޕިޓަލުގައި އޮތްކަން އެނގުނީމަވެސް އަހަރެންވީ ނުގުޅަ ހުންނަންތަ....؟ ކިހިނެތްތަ ވީ....! ބަލިވީތަ...؟" ހާސްވެފައި މިފްޒާލް އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ.

ރާއިފު ފާޚާނައިން ނުކުންނައިރު ފޯނު ހިފައިގެން އޮންނާކަށް އައިލީން ބޭނުމެއް ނުވެއެވެ.

"ވީގޮތް ބުނަންވީތަ....؟ ދަރިފުޅު ވެއްޓުނީ....!" އަވަހަށް ފޯނު ބޭއްވުމަށް ބޭނުންވާތީ އައިލީން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.

"އޭނ...! ކީކޭ...! ދަރިފުޅު ވެއްޓުނީއޭ....؟ ހަމަ ރަނގަޅަށްތަ....؟ ސަމާސައެއް ކުރަނީތަ...؟" މިފްޒާލް އަށް އެހެން އަހާލެވުނީ އުފާވެރި ރާގެއްގައެވެ.

ޙަޤީޤަތުގައިވެސް މިފްޒާލްވީ އުފަލެވެ. މިފްޒާލްގެ ރޭވުން އެހާ އަވަހަށް ކާމިޔާބުވާނެ ކަމަކަށް އެއްގޮތަކަށްވެސް އޭނާ ހިތަކަށް ނާރައެވެ. އެހެން ނަމަވެސް މިފްޒާލަށް އެ އުފާ ފާޅު ކުރެވުނީ ގޯސް ވަގުތެއްގައެވެ. އައިލީން ފޯނު ޖެހިއެވެ. ލިބުނު އުފާވެރިކަން މިފްޒާލަށް ނުފޮރުވުނީތީ ޚުދު މިފްޒާލް ވެސް ކަންބޮޑުވިއެވެ. އަނެއްކާވެސް ގުޅިއެވެ. އެ ފަހަރު ފާހާނާއިން ނުކުމެގެން އައިސް ފޯނު ނެގީ ރާއިފު އެވެ. މިފްޒާލް އަވަހަށް ފޯނު ކަނޑާލިއެވެ.

މިފްޒާލް ހުރީ އުފަލުން ހަދާނެގޮތް ހުސްވެފައެވެ. ސައިކަލަށް އެރިގޮތަށް ދުއްވާލީ މާ ފިހާރައަކާ ދިމާއަށެވެ.  މާބޮނޑިއެއް ތައްޔާރު ކުރުމަށްފަހު އައިލީންއަށް ފޮނުވުމަށެވެ. ރާއިފުވެސް ކޮޓަރީގައި އުޅެނިކޮށް މާބޮނޑި ހިފައިގެން ކޮޓަރިއަށް އައިސްވަނީ ނަރުސް ކުއްޖެކެވެ. އެއީ އަޅައިގަންނަވަރުގެ ބޮޑު ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެކެވެ. ނަރުސް ކުއްޖާ އައިސް މާބޮނޑި ދިނީ ރާއިފުގެ އަތަށެވެ. މާބޮނޑީގައި ހަރުކޮށްފައިވާ ނޯޓުކޮޅު ރާއިފު ނަގާ ކިޔާލިއެވެ. އެވަގުތު އައިލީންގެ ހިތް ތުރުތުރު އަޅަމުންދިޔައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 14 ޖުލައި، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް