ރާއްޖެއިން ފުރައިގެން ދިޔައީ ސިޔާސީ މީހެއްގެ ގޮތުގައި ކަމަށާއި އެނބުރި އައީ ކުޅިވަރުގެ މީހެއް ގޮތަށް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ރާއްޖެ ދޫކޮށް ލަންޑަނަށް ދިޔައީ ވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގައެވެ.
އެނބުރި ރާއްޖެ އަހިސް ރަސްމީ ފާލަމުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ރާއްޖެއިން ފުރިއިރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ކަމަށާއި، ނަމަވެސް އެޕާޓީގެ އަސާސީ ގަވާއިދު ބަދަލު ކުރުމުން އެ މަގާމު ގެއްލުނީ ކަމަށެވެ.
"އޭގެ ފަހަކުން އަޅުގަނޑު ސިޔާސީ މަސައްކަތެއް ނުކުރަން. އެހެންވީމަ އިލެކްޝަންސް ކޮމިޝަނުގަ އަޅުގަނޑަށް ހީވަނީ އެހެން ޕާޓީއަކުން ގޯސް ފޯމެއް ނުލަންޏާ އަދި ޖުމްހޫރީ ޕާޓީގެ އާއްމު މެމްބަރަކަށްހެން އަޅުގަނޑުގެ ނަން އޮންނާނީ" އަލީ ވިދާޅުވިއެވެ.
ކުރިއަށް އޮތް ތާނގައި ސިޔާސީ ހަރަކާތްތަކުން ފެންނާނެތޯ ނޫސްވެރިން ސުވާލު ކުރެއްވުމުން އަލީ ވިދާޅުވީ އޭނާއަކީ ފުޓްބޯޅައިގެ މީހެއް ކަމަށާއި، މިދިޔަ އަނދިރި ދުވަސްތަކުގައި ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފުޓްބޯޅައިގައި މަސައްކަތް ކުރުން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑަށް ހީވަނީ އަޅުގަނޑު ފުރައިގެން ދިޔައީ ސިޔާސީ މީހެއް ހެން. އަޅުގަނޑަށް ހީވަނީ އަޅުގަނޑު އެނބުރި އައިއިރު އަދި މިހިރީީ ފުޓްބޯޅައިގެ މީހެއް ގޮތަށްހެން" އަލީ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް