އަދުލު އިންސާފުގެ ހައްގަކީ ރައީސް ޔާމީނަށްވެސް ލިބެންޖެހޭ ހައްގެއް: ގާސިމް އިބްރާހިމް

އަދުލު އިންސާފަކީ ކުރީގެ ރައީސް ޔާމީނަށްވެސް ލިބެންޖެހޭ ހައްގެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ކުރި...

11 Jul 2023 | 15:13

އަދުލު އިންސާފަކީ ކުރީގެ ރައީސް ޔާމީނަށްވެސް ލިބެންޖެހޭ ހައްގެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ކުރިއަށްދިއުމާއިމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ގާސިމް ވިދާޅުވެފައިވަނީ ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކޮށް  ރައްޔިތުންގެ އަސާސީ ހައްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.

"އެހެން ކަމުން ކޮންމެދިވެހިރައްޔިތަކަށްވެސް އިސްވެ މިދެންނެވި ހައްޤުތައް ފުރިހަމައަށް ލިބެން ޖެހެއެވެ. އެއީ،  ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހިރައްޔިތެއްކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ  މިއަދު ޤާނޫން އަސާސީއިން ލިބިދޭ އަސާސީ ހައްޤެކެވެ. އަދި އެއީ އިންސާނީ ހައްޤެއް ވެސް މެއެވެ." ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ލަސްވުމެއް ފަސްވުމެއް ނެތި ޢަދުލު ވެރިކަމާ،  ހަމަ ހަމަކަމާއެކު، އިންސާފު މި ޤައުމުގައި ޤާއިމް ކުރެވެން ވާނެ ކަމަށާއި

މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގައި ، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްކަމާއިމެދު މިއަދު ސުވާލު އުފެދޭ ކަމަށެވެ.

ގާސިމް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ އެދިލެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން މިއަދު ވަނީ ގާސިމް އިބްރާހިމް އާއި ބައްދަލުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް