ދިވެހިރާއްޖޭގައި ދިރިއުޅޭ އާބާދީގެ 26 އިންސައްތަ އަކީ ބިދޭސީން ކަމަށް މިދިޔަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކައިފިއެވެ.
ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގައި ޖުމުލަ515،132 މީހުން ދިރިއުޅެމުން ގެންދެއެވެ. އޭގެ ތެރޭގައި ހިމެނެނީ382،639 ދިވެހިންނާއި132،493 ބިދޭސީންނެވެ. ދިވެހިންގެ ތެރޭގައި ހިމެނެނީ188،077 އަންހެނުންނާއި194،562 ފިރިހެނުންނެވެ. އަދި ބިދޭސީންގެ ތެރޭގައި ހިމެނެނީ15،061 އަންހެނުންނާއި117،432 ފިރިހެނުންނެވެ.
ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ41 އިންސައްތަ މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގައެވެ. އަދި އިދާރީ ރަށްރަށުގައި46 އިންސައްތަ މީހުން ދިރިއުޅޭއިރު، ރިސޯޓުތަކުގައި10 އިންސައްތަ މީހުން ދިރިއުޅެއެވެ. ބާކީ3 އިންސައްތަ މީހުން ދިރިއުޅެނީ ސިނާއީ އެހެން ރަށްރަށުގައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީ، އިދާރީ ރަށްރަށަށް ބެހިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނަ މީހުން ދިރިއުޅެމުން ދަނީ އައްޑޫގައެވެ. އެއީ ފަސް އިންސައްތަ މީހުންނެވެ. އެއަށްފަހު ހދ. އަތޮޅުގައެވެ. އެއީ ހަތަރު އިންސައްތަ މީހުންނެވެ. އެންމެ މީހުން މަދީ ވ. އަތޮޅުގައެވެ.
މި އަދަދަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ 2014 ވަނަ އަހަރު ރާއްޖޭގައި އުޅުނީ ޖުމުލަ 63،637 ބިދޭސީން ކަމެވެ. އެހެންކަމުން 2014 އިން 2022 އަށް ބިދޭސީންގެ އާބާދީ މިވަނީ ރާއްޖޭގައި ދެ ގުނައަށްވުރެ އިތުރުވެގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް