ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން މެޝިން އައިޖީއެމްއެޗަށް ގެންނަން އެސްޓީއޯއާ އިއްޔެ ހަވާލުކޮށްފި އެވެ.
ދެ މަސް ދުވަހުގެ ތެރޭގައި ޕެޓް ސްކޭން މެޝިން ގެނެސް، ސަރުކާރުގެ މައި ހޮސްޕިޓަލްގައި ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރާއި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް އަދި އެސްޓީއޯ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިއުޝާދެވެ.
ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގެންނާނީ އެސްޓީއޯ އިން ކަމަށް އެ ކުންފުންޏާއި ހެލްތު މިނިސްޓްރީގެ ދެމެދުގައި ވަނީ އެގްރިމެންޓެއް ހަދާފައިއެވެ. އެގޮތުން އެ މެޝިން ގެންނަން ވެސް އެސްޓީއޯއާ ހަވާލުކުރީ އޭގެ ދަށުންނެވެ.
އިންސާނާގެ ހަށިގަނޑުގައި ކެންސަރު ހުރިތޯ އަދި އެ ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ހަދަން ޖެހޭނީ ޕެޓް ސްކޭނެކެވެ. ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އެ ހިދުމަތެއް އަދި ރާއްޖެއިން ލިބޭކަށް ނެތެވެ.
ހެލްތު މިނިސްޓްރީން ބުނީ ޕެޓް ސްކޭން ހެދުމަށް އާސަންދައިން ކޮންމެ އަހަރަކު ވެސް 1،000 އެއްހާ މީހުން ބޭރަށް ފޮނުވާ ކަމެށެވެ. އެގޮތުން އެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ގިނަ ބަޔަކަށް ލުއެއް ލިބޭނެ ކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޕެޓް ސްކޭންގެ މައިގަނޑު އެއް ބޭނުމަކީ ކެންސަރު ސްކްރީނިން އަށް ވިޔަސް، އެ ސްކޭނުން ހިތާއި ސިކުނޑީގެ ބައެއް ބަލިތައް ވެސް ދެނެގަނެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް