ރާއްޖޭގެ ރިޒާވްގައި ބާކީ ހުރީ 168 މިލިއަން ޑޮލަރު: އެމްއެމްއޭ

ދިވެހި ދައުލަތުގެ ބޭރުފައިސާގެ ރިޒާވްގައި ބާކީ ހުރީ 168 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކައިފިއެވެ. އެ ކުންފުނިން އާންމުކޮށްފައިވާ ހިސާބުތަކުން ދައ...

11 Jul 2023 | 06:45

ދިވެހި ދައުލަތުގެ ބޭރުފައިސާގެ ރިޒާވްގައި ބާކީ ހުރީ 168 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކައިފިއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްގެ ގޮތުގައި ހުރީ 702 މިލިއަން ޑޮލަރެވެ. އަދި މީގެތެރެއިން ބޭނުންކުރެވެން ހުރީ 168 މިލިއަން ޑޮލަރެވެ.

ބޭރު ފައިސާގެ ރިޒާވް މިހާ ބޮޑަށް ދަށްވެފައިވާއިރު، ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. އެގޮތުން މިހާރު ޑޮލަރު ލިބެނީ 17.80 ރުފިޔާއަށެވެ.

168 މިލިއަން ޑޮލަރަކީ ގާތްގަނޑަކަށް 2 މަހަށް ބޭނުންވާ ވަރަށް މުދާ އިމްޕޯޓުކުރެވޭހާ ފައިސާއެވެ.

ޑޮލަރުގެ ރިޒާވް އެންމެފަހުން މިހާބޮޑަށް ދަށަށް ގޮސްފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގައި، 105 މިލިއަން ޑޮލަރަށެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ ނޮވެމްބަރު މަސްތެރޭގައި އިންޑިއާގެ މަރުކަޒީ ބޭންކުން ލޯނެއް ނަގާފައެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ސްޓޭޓް ބޭންކަށް ބޮންޑެއް ވިއްކައިގެން ވެސް ފައިސާ ވަނީ ހޯދާފައެވެ.

އެހެންކަމުން ނޮވެމްބަރު މަސް ނިމުނުއިރު ރިޒާވް ވަނީ 219 މިލިއަން ޑޮލަރަށް އަރާފައެވެ.

ރާޢްޖޭގެ ފަތުރުވެރިކަމުގެ ޕީކް މަސް ކަމަށްވާ ޑިސެމްބަރު މަސް ނިމުނު އިރު ބޭނުން ކުރެވޭ ރިޒާވްގައި 267 މިލިއަން ޑޮލަރު ހުއްޓެވެ. މި ދެ މަހަށް ރިޒާވް މަތިވެގެން ދިޔަ ނަމަވެސް ދެން އެއަށްފަހު ކޮންމެ މަހަކުވެސް ރިޒާވްގެ މިންވަރު ދިޔައީ ދަށަށެވެ.

ދައުލަތުގެ ރިޒާވް ބިރުވެރި މިންވަރަކަށް ދަށަށް ދިޔަނަމަވެސް ސަރުކާރުން ބުނާ ގޮތުން ރާއްޖޭގެ އިޤްތިސާދީ ހާލަތު ވަރަށް ރަނގަޅެވެ. އަދި ސަރުކާރުން ދަނީ އެކިއެކި ކަންކަމަށް ބޮޑެތި ހަރަދުތައް ކުރަމުންނެވެ. އެ ކަންކަމަށް ފައިސާ ހަމަޖައްސަނީ ފައިސާ ޗާޕުކޮށްގެންނެވެ. ސަރުކާރުން ހުއްޓުމެއްނެތި ފައިސާ ޗާޕުކުރަމުންދާތީ، ފައިސާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ ރިޒާވުގައި ހުންނަ ޑޮލަރު ބޭނުން ކުރަންޖެހެއެވެ. ރިޒާވް ދަށަށް ދަށްދާ ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް