ލޮލުން ކަރުނަ ނާންނަގޮތަށް އޮސްޓްރޭލިޔާގައި އުފެއްދި ފިޔާ އެ ގައުމުގެ މާކެޓަށް މާދަމާ ނެރެން ނިންމައިފިއެވެ.
އޮސްޓްރޭލިޔާގެ ވޫލްވޯތްސްއިން ލޯންޗްކުރި މި ފިޔާ ކޮށާއިރު ލޮލުން ދިލަވެސް ނުނަނގާނެ ކަމަށް އެމީހުން ބުނެއެވެ. މި ފިޔާ ހަމައެކަނި އޮސްޓްރޭލިޔާގައި އަދި ވިއްކަން ފަށާއިރު މި ބުރުގައި އުފެއްދި ސްޓޮކް ހުސްވަންދެން ވިއްކާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ސްޓޮކް ދެމަސް ދުވަހުގެ ތެރޭގައި ހުސްވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
މާދަމާއިން ފެށިގެން މި ބާވަތުގެ ފިޔާ ލިބެން ހުންނާނީ ނިއު ސައުތް ވޭލްސްއާއި ވިކްޓޯރިޔާ އަދި އޮސްޓްރޭލިޔާގެ ކެޕިޓަލް ޓެރިޓޮރީގައެވެ.
ވޫލްވޯތްސްގެ މޭވަޔާއި ތަރުކާރީއާ ބެހޭ މެނޭޖަރު ޕޯލް ޓަރނަރް ވިދާޅުވީ މި ބާވަތުގެ ފިޔާ ކަސްޓަމަރުންނާ ހަމައަށް ގެނެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން ކާނާ ތައްޔާރު ކުރާއިރު ލޮލުން ފެން އައުން ނިމުމަކަށް އަންނާނެ ކަމަށެވެ.
ޕޯލް ވިދާޅުވީ، ފިޔާ ކޮށާއިރު ލޮލުން ކަރުނަ އައުމުން ސަލާމަތްވެ ތިބުމަށް މީހުން ކުރާ ހުރިހާ ބާވަތެއްގެ ކަންތައްތައް އަޑުއަހާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި އައިނު އަޅައިގެން ފިޔާ ކޮށުމާއި މާސްކް އަޅައިގެން ފިޔާ ކޮށުމުގެ އިތުރުން ފިނިކޮށްގެން ފިޔާ ކޮށުން ހިމެނޭ ކަމަށް ޕޯލް ވިދާޅުވިއެވެ.
ކަރުނަ ނާންނަ ފިޔާ އަކީ އޮސްޓްރޭލިޔާގައި އުފައްދާ ތަފާތު ބާވަތަކަށް ވާނެ ކަމަށް ޕޯލް ވިދާޅުވިއެވެ.
އާއްމުކޮށް ހުންނަ ފިޔާ ކޮށާއިރު ލޮލުން ދިލަ ނަގަނީ އޭގައި އެކުލެވޭ ގުދުރަތީ ކެމިކަލްއެއް ކަމުގައިވާ ވޮލެޓައިލް ކޮމްޕައުންޑްގެ ސަބަބުންނެވެ. އަލަށް ބާޒާރަށް ނެރޭ ކަރުނަ ނާންނަ ފިޔާގައި މި ކޮމްޕައުންޑް ހިމެނެނީ މަދުންނެވެ.
ކަރުނަ ނާންނަ ފިޔާ އެންމެ ފުރަތަމަ އުފައްދާފައި ވަނީ2018 ވަނަ އަހަރު އެމެރިކާގައެވެ. އަދި މިދިޔަ އަހަރުން ފެށިގެން ޔޫކޭގައި އޭގެ ފިިޔާ ވަނީ ވިއްކަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް