ލަންކާގެ އިޤްތިޞާދީ ހާލަތާއި، ހުރި ގޮންޖެހުންތައް ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ސާފުވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ އެގައުމުގައި ދިމާވެގެން އުޅޭ ހާލަތާއި ގުޅިގެން ފޮރިން މިނިސްޓްރީއާއި، ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވެސް ކައިރިން މިކަންކަން ބަލަމުންދާ ކަމަށެވެ. އަދި އެގައުމުގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ހާލު ރަނގަޅު ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިއުކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ރާއްޖޭގެ އޮންލައިން ނޫހަކަށް ވިދާޅުވެފައިވަނީ ދިވެހިންނަކީ މިފަދަ ހާލަތްތަކުގައި އެޤައުމުތަކުގެ ސަރުކާރުތަކުންނާއި ލަންކާގައި ހުންނަ އެމްބަސީން އަންގާ އެންގުންތަކަށް ބޯލަބައި، އަމަލު ކުރަންދާ ބައެއްކަމަށެވެ. އަދި މިހާދިސާގައި މިހާތަނަށް އެއްވެސް ދިވެހި ރައްޔިތަކަށް އެއްވެސް ކަމެއް ދިމާވެގެން ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ.
އެހެންނަމަވެސް ސަރުކާރުން ލަންކާގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި، އެފަދަ ހާލަތެއް އައިސްފިނަމަ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މިހާރުވެސް ލިބޭ ގޮތަށް ލިބިގެންދާނެކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.
ލަންކާ އަކީ ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ޢާއިލާތަށް ދިރިއުޅެމުންދާ ޤައުމަކެވެ.
ސްރީލަންކާގެ ރައީސް ގޮތާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިޢުފާ ނުދެއްވަނީސް، ސަރުކާރާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތައް ހުއްޓައި ނުލާނެ ކަމުގައި މުޒާހަރާ ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މުޒާހަރާތައް ފެށުމުގެ ކުރިން ރާޖަޕަކްސް ވަނީ ފިއްލަވާފައެވެ. އަދި، އިސްތިޢުފާ ދޭން ނިންމެވި ކަން އިޢުލާނު ކުރެއްވުން ފިޔަވައި، ޤައުމުގެ ހާލަތާ ގުޅޭ ގޮތުން އިތުރު ވާހަކަފުޅެއް ދައްކަވާފައެއް ނެތެވެ.
ބޮޑުވަޒީރު ވިކްރަމަސިންހަގެ އޮފީހުން ވެސް ހަމައެކަނި ބުނެފައި ވަނީ އޭނާ ވެސް އިސްތިޢުފާ ދެއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް