ނ. ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހިމް ރާމިޒް ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް މިހާރު ބަލާފައިވާކަމާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން އަދިވެސް ހުއްޓާނުލާ ކުރިއަށްދާކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެގޮތުން މީޑިއާއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން ރާމިޒް އަދި ފެނިފައިނުވާކަމަށާއި މިހާތަނަށް 7481.699 ސްކްޔާމީޓަރ ނޯޓިކަލް މޭލު ސަރަހައްދު ބެލިފައިވާކަމަށެވެ. އޮޕަރޭޝަން އަދި ހުއްޓާނުލާ ކަމަށެވެ.
ރާމިޒު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނައިރު އޭނާ ދަތުރުކުރިކަމަށް ބެލެވޭ ކެނޯ، ނ.ކެނދިކުޅުދޫގެ ހުޅަނގުއުތުރު ފަރާތު އަތިރިމައްޗަށް ލައްގާފައި އޮއްވައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ފެނިފައެވެ.
ރާމިޒު ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
އެެދުވަހު ފުލުހުން ބުނެފައިވަނީ ނ. ހެނބަދޫ / ކުންނާރުގެ، އިބްރާހީމް ރާމިޒް (28އ) ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އެރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.
އިބްރާހީމް ރާމިޒް އެންމެ ފަހުން ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފެނުނުއިރު ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށާއި އެދުވަހުގެ ވަގުތެއްގައި އޭނާ ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީކަމަށް ބެލެވޭކަމަށް އިބްރާހީމް ރާމިޒްގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް