ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443: ވާދަވެރި ކުޅުމަކަށް ފަހު އެސް.ޖީ.ސީ އާއި ފަހުލަވާނަށް ހަމަހަމަ ނިމުމެއް

ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443 ގެ 3 ވަނަ ދުވަހުގެ މެޗްތަކުގެ ތެރެއިން ވާދަވެރި ކުޅުމަކަށް ފަހު ގްރޫޕް 2 ގައި ހިމެނޭ ނިލަންދޫއަށް ނިސްބަތްވާ އެސް.ޖީ.ސީ އާއި ފަހުލަވާނު ބައްދަލު ކުރިމެޗް އެއްވަރުވެގ...

11 Jul 2022 | 11:09

ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443 ގެ 3 ވަނަ ދުވަހުގެ މެޗްތަކުގެ ތެރެއިން ވާދަވެރި ކުޅުމަކަށް ފަހު ގްރޫޕް 2 ގައި ހިމެނޭ ނިލަންދޫއަށް ނިސްބަތްވާ އެސް.ޖީ.ސީ އާއި ފަހުލަވާނު ބައްދަލު ކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

ދަނޑު މަތީގެ އިތުރުން ދަނޑު ބޭރުން ވެސް ފޯރިގަދަވެގެން ދިޔަ މިމެޗް ނިމުނީ 5 ލަނޑު 5 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނު ފުރަތަމަ މެޗްގައި ރޭވަންސް އާއި ކޭއެފްސީ ވާދަކުރި މެޗް ފަސޭހަ ކަމާއެކު 5 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ ކޭއެފްސީއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޭއެފްސީގެ ޢަލީ ޝާމީ (ޝެގީ)އެވެ.

ހަވީރު ކުޅެވުނު ދެ ވަނަ މެޗްގައި ޒުވާން ކުޅުންތެރިން ހިމެނޭ އަހަރުމެން އެފް.ސީއާއި އެން.ވައި.ޖީ ބައްދަލު ކުރި މެޗް 9 ލަނޑު 5 ލަނޑުން ކާމިޔާބުކުރީ އެން.ވައި.ޖީއެވެ. މިމެޗްގައި އަހަރުމެން އެފްސީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޓީމުގެ އެންމެ މުހިންމު ތިން ކުޅުންތެރިން ބަލިވެގެން ނުކުޅެވުމެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންވައިޖީއަށް 4 ގޯލް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން ޢަބްދުލް ޢަޒީޒު އިބްރާހިމްއެވެ.

ރޭގަނޑުގެ ފުރަތަމަ މެޗްގައި ވާދަވެރިކަން ބޮޑު ގްރޫޕް 2 ގައި ހިމެނޭ ނިލަންދޫ އަށް ނިސްބަތްވާ އެސް.ޖީ.ސީއާއި ފަހުލަވާނު ބައްދަލުކުރި މެޗް 5 ލަނޑު 5 ލަނޑުން އެއްވަރުވި އިރު މިމެޗްގައި 2 ޓީމުގައި ހިމެނޭ ރަށުން ބޭރު ކުޅުންތެރިންގެ ހުނަރު ވަރަށް ބޮޑަށް ފާހަގަ ވެގެން ދިޔައެވެ.

އެގޮތުން ފަހުލަވާނުގެ ރިލްވާން ވަޙީދާއި މުޙައްމަދު ނާފިޢު އަޙުމަދު މޮޅު ކުޅުމެއް ދެއްކިއިރު އެސް.ޖީ.ސީއަށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ފުރުޞަތެއް ހޯދައި ދިނުމުގައި އިބްރާހިމް ސިނާހު (ސިނާ) އާއި އަޙުމަދު ޙަލީމު (ލާމު އައްމަޑޭ) މުހިންމު ދައުރެއް އަދާކުރި މަންޒަރު ފެނިގެން ދިޔައެވެ. މިކުޅުންތެރިންގެ އިތުރުން ފަހުލަވާނުގެ އަޙުމަދު ނަބީލު (ނައްބަ) ގެ ހުނަރުވެސް ފެނިގެން ދިޔައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސް.ޖީ.ސީގެ އަޙުމަދު ޙަލީމު (ލާމު އައްމަޑޭ) އެވެ.

ރޭގަނޑުގެ ދެވަނަ މެޗްގައި ގްރޫޕް 1 ގައި ހިމެނޭ މަގޫދޫ ޖުވެނައިލް އާއި ބިލެތްދޫ ކަނބުލޮ ވާދަކުރި މެޗް 2 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ޖުވެނައިލްއެވެ. ޖުވެނައިލް އަށް ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ މޮޅު ކުޅުންތެރިއާގެ މަޤާމުހޯދި އެޓީމުގެ މޫސާ މާހިލްއެވެ. ކަނބުލޮގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްދިނީ ރިމާން ޢަލީއެވެ.

ރޭކުޅެވުނު ފަހުމެޗްގައި ގްރޫޕް 2 ގައި ހިމެނޭ ދަރަނބޫދޫއަށް ނިސްބަތްވާ ބީސީ އާއި އެޑް ބައްދަލުކުރި މެޗް 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ބީސީއެވެ. މިމެޗްގައި ބީސީގައި ހިމެނޭ ޢަބްދުﷲ ޝައްފާނު (ޝާކާ) އަށް މާއެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް އެޓީމުން ކާމިޔާބުކުރި ގޯލްތައް ޖެހުމުގައި ޝާކާގެ އެހީތެރިކަން ކުޅުންތެރިންނަށް ވަރަށްބޮޑަށް ލިބިގެން ދިޔަކަން ފާހަގަ ކުރެވެއެވެ.

ބީސީގެ ގޯލްތައް ކާމިޔާބުކޮށްދިނީ މުޒުދާން އާއި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމުހޯދި އަޙުމަދު ރިފާއުއެވެ. ރިފާޢު ވަނީ 2 ގޯލް ކާމިޔާބު ކޮށްދީފައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް (ހޯމަ ދުވަހު) މިއަދު ކުޅެވިގެންދާނެއެވެ.

މިމުބާރާތަކީ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން ފ.އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމުލަ 11 ޓީމަކުންވަނީ ބައިވެރިވެފައެވެ. އެއީ ނިލަންދޫގެ 7 ޓީމެއްގެ އިތުރުން ދަރަނބޫދޫ 2 ޓީމަކާއި މަގޫދޫ އަދި ބިލެތްދޫން ބައިވެރިވި ޓީމެކެވެ.

މުބާރާތުގައި ބައިވެރިވި 11 ޓީމު 3 ގްރޫޕަކަށް ބަހާލައިގެން ޢީދުވިލޭރޭ ފެށިގެން ދިޔަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައިމަހު 15 ވަނަ ދުވަހު ހަވީރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް