ކާއްޓޭގެ އަނގައިގަޖެހި މުޅި އީދު "ކެންސަލް" !

ސޯޝަލް މީޑިއާ ފީޑުތަކުން މި ނޫން ބަހެއް މި ޢީދުގައި ނުފެނޭ ބުނުމަކީ މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އެވެނި މިވެނި ކަމެއް "ކެންސަލް" ވާހަކައެވެ. އެވެނި މިވެނި އެއްޗެއް "ކެންސަލް" ވާހަކައެވެ. ނުވިތާކަށް...

11 Jul 2022 | 03:20

ސޯޝަލް މީޑިއާ ފީޑުތަކުން މި ނޫން ބަހެއް މި ޢީދުގައި ނުފެނޭ ބުނުމަކީ މުޅިއަކުން ދޮގަކަށް ނުވާނެއެވެ.

އެވެނި މިވެނި ކަމެއް "ކެންސަލް" ވާހަކައެވެ. އެވެނި މިވެނި އެއްޗެއް "ކެންސަލް" ވާހަކައެވެ. ނުވިތާކަށް އީދުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަސްވެސް މިހާރު "ކެންސަލް" ކޮށްފިއެވެ.

"ކެންސަލް" ވީވީނުން "ކެންސަލް" ވީ ކޯއްޗެއްކަމެއް، ކޮން އިރަކު ކަމެއް، މި "ކެންސަލެއް" އައި ދިމާއެއް ނޭނގޭ ބަޔަކުވެސް އެބަ އުޅެތެވެ. އެންމެ ފަހުން ޝިފާވެސް ކެންސަލް ކޮށްފިއެވެ.

މި ބަސް މި ޢީދުގައި ވައިރަލްވެފައިވާއިރު މުޅި ޢީދު ކެންސަލްވެގެން މިދަނީ ރާއްޖޭގެ ދެވަނައެއް ނުވާ ކޮމީޑިއަން "ކާއްޓޭ ޑެ ވާންޗޯ" އާއި ހަމައިންނެވެ.

މިދިޔަ މަހުގެ 25 ވަަނަ ދުވަހު "ކީކޭހޭ ކުރިން ބުނީ" ވީޑިއޯ، ކާއްޓޭގެ އެހެން ވީޑިއޯތަކެކޭ އެއްފަދައިން ވައިރަލްވިއެވެ. ނަމަވެސް މި ވީޑިއޯގައި ބުނާ ޖުމްލަ "ކުރިން ބުނި އެތި ކެންސަލް" ވަކިން ބޮޑަށް ވައިރަލްވެގެން ގޮސްފައިމިވަނީ ޢީދު ބަންދުގެ ތެރޭގައެވެ.

މި ވީޑިއޯގައި ކާއްޓޭ ކުޅެނީ ރަށެއްގެ ކައުންސިލެއްގެ ކާތިބެއްގެ ރޯލެވެ. ކައުންސިލުން އަންގައިގެން ފުރަތަމަ ކާއްޓޭ ނިކުންނަނީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރުމަށް ރަށުގެ ކުދި ބޮޑު އެންމެން އެއްތާކަށް ޖަމާވާން އަޑުގަދަކުރާއިން ގޮވުމަށެވެ.

އެ ގޮވެލިފަތި ގޮވާ ނިންމާ ކައުންސިލަށް އެނބުރި ދިއުމުން ކައުންސިލުން އަންގަނީ ވިއްސާރައިގެ ސަބަބުން އެ އިވެންޓު ކެންސަލް ކުރަން ޖެހުނީތީ އެކަންވެސް ރައްޔިތުންނަށް އެންގުމަށެވެ. އެއަށްފަހު އަޑު ހަރުކޮށް ކާއްޓޭ ގޮވަނީ "ކުރިން ބުނި އެތި ކެންސަލް" ކަމަށެވެ.

ކާއްޓޭގެ މި ވީޑިއޯ ކާއްޓޭގެ ޕްރޮފައިލް އައި ކާއްޓޭއާއި ގުޅުންހުރި ޕޭޖުތަކުން ލައްކައަކަށްވުރެ ގިނަ ފަހަރު ބަލާފައިވާއިރު އެތައް ސަތޭކަ ބަޔަކު މި ވީޑިއޯވެސް އަންނަނީ ޝެއަރ ކުރަމުންނެވެ.

މިފަހަރު ހަމަ ރަނގަޅަށްވެސް ކާއްޓޭގެ އަނގައިގަ ޖެހި ދިވެހިންގެ ޢީދު "ކެންސަލް" ކޮށްފިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް