ރައީސާއި ބޮޑުވަޒީރު އިސްތިއުފާ ނުދެނީސް ރައީސްގެ ރަސްމީ ގެކޮޅުން ނުނިކުންނާނަން: މުޒާހަރާގެ ބައިވެރިން

ސްރީލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސްޔަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާ ނުދޭހާ ހިނދަކު ރައީސްގެ ރަސްމީ ގެކޮޅުން ނުނިކުންނާނެކަމުގައި މުޒާހަރާގެ ބައިވެރިން ބުނެފިއެވެ. އިގްތިސ...

11 Jul 2022 | 00:23

ސްރީލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސްޔަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާ ނުދޭހާ ހިނދަކު ރައީސްގެ ރަސްމީ ގެކޮޅުން ނުނިކުންނާނެކަމުގައި މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.

އިގްތިސާދީ ހާލަތު ދަށްވެ އަސާސީ ހިދުމަތްތައް ލިބުންދަތިވެ ގައުމު ބަނގުރޫޓުވުމާއި ގުޅިގެން ސްރީލަންކާގެ ރައްޔިތުން މަގުތަކަށް ނިކުމެ ސަރުކާރު އޮފީސްތަކަށް މިދިޔަ ހޮނިހިރު ދުވަހު ވެރިވެގެންފައިވާއިރު އެންމެ ގިނަ ބަޔަކު ޖަމާވެފައިވަނީ ރައީސް ގޮތާބޭގެ ރަސްމީ ގެކޮޅަށެވެ. އެ ގެކޮޅުގެތެރޭގައި އަދިވެސް މުޒާހަރާގެ އެތައް ބައިވެރިންނެއް ތިބި އިރު މުޒާހަރާގެ އެ ބައިވެރިން ބުނަނީ ރައީސާއި ބޮޑުވަޒީރު އިސްތިއުފާ ދިނުން ނޫންގޮތެއް ނެތް ކަމަށާއި ރަސްމީ އޮފީސްތަކާއި ރައީސްގެ ރަސްމީ ގެކޮޅު ދެން ހަވާލުކުރާނީ އަލަށް އެކުލަވާ ސަރުކާރަކާ ކަމަށެވެ.

ރަސްމީ ގެކޮޅަށް ވެރިވެގެންތިބި އާއްމު ރައްޔިތުން އަންނަނީ އެ ގެކޮޅުގެ ހުރިހާ ހިދުމަތަކާއި ލަގްޒަރީ ދިރިއުޅުމުގެ ވައްޓަފާޅި ބޭނުންކޮށް އެ މަންޒަރުތައް ސޯޝަލް މީޑިއާއަށް ދޫކުރަމުންނެވެ. އެގޮތުން ރަސްމީ ގެކޮޅުގެ ސްވިމިން ޕޫލަށް ގިނަ ބަޔަކު އެރޭ މަންޒަރާއި ރަސްމީ ގެކޮޅުގެ ޖިމް އާއްމު ރައްޔިތުން ބޭނުންކުރާ މަންޒަރާއި ރަސްމީ ގެކޮޅުގެ ކޮޓަރިތަކުގައި އާއްމު ރައްޔިތުން ނިދާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

ހޮނިހިރު ދުވަހު ގައުމުގެ ހާލަތު އިންތިހާއަށް ގޯސްވުމުން ރައީސާއި ބޮޑުވަޒީރުވެސް ވަނީ އަސްކަރިއްޔާގެ ހިމާޔަތް ހޯއްދަވައި ފިއްލަވާފައެވެ.

ފިއްލަވައި ތިއްބަވައިގެން ދެ ބޭފުޅުންވެސް ވަނީ މަގާމު ދޫކޮށްލައްވާނެކަން މިހާރު އިއުލާނުކުރައްވާފައެވެ. އެގޮތުން ބޮޑުވަޒީރު ރަނިލް ވިދާޅުވެފައިވަނީ އޭނާ މަގާމު ދޫކޮށްލައްވާނީ އައު ސަރުކާރެއް އެކުލަވާލެވުމުން ކަމަށެވެ. ރައީސް ގޮތާބޭ ވިދާޅުވެފައިވަނީ މިމަހުގެ 13 ވާ ބުދަ ދުވަހު އިސްތިއުފާ ދެއްވާނެ ކަމަށެވެ. ބާރުތައް މިހާރު އޮތީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަދަނަގެ އަތްޕުޅުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް